ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 260ށް އަރައިފި

ރާއްޖެއިން ކޮވިޑް ބައްޔަށް ފަރުވާ ކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެ، އެ ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 260 އަށް އަރައިފިއެވެ. އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގައ...

20 Dec 2021 | 12:45

ރާއްޖެއިން ކޮވިޑް ބައްޔަށް ފަރުވާ ކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެ، އެ ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 260 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔަ 85 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރު ނިޔާވެފައިވާ ކަމަށެވެ.

އެގޮތުން އެމީހާ ނިޔާވެފައި ވަނީ މިއަދު މެންދުރު ފަހު 2:02 އެހާ ކަންހާ އިރު ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ. މިއަދު ނިޔާވި މީހާ އާއި އެކު މި ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 260 އަށް އަރާފައެވެ.

މިއަދު ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވެފައި ދިވެހި ދަޢުލަތަށް އަގުހުރި އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަޤަބް ދިވެހި ދަޢުލަތުން އަރުވާފައިވާ އޮނަރަބަލް އުމަރު ޒާހިރެވެ.

އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެނގިފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު ކުރި ޓެސްޓަކުން ނެވެ. އަދި ހާލު ސީރިއަސްވުމުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށް އޮކްސިޖަން ގުޅައިގެން ފަރުވާ ދީފަ އެވެ.

ދާދިފަހުން ފުވައްމުލަކު ސިޓީގައި އެ މަނިކުފާނުގެ އަމިއްލަ ޚަރަދުގައި ބިނާކޮށްދެއްވި މިސްކިތް ހުޅުވުމަށްފަހު، އެނބުރި މާލެ ވަޑައިގެންނެވި ފަހުން އުޅުއްވާފައި ވަނީ ހުމުގެ އާލާސްކަންފުޅާ އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ދައުލަތައް ޚިދުމަތް ކުރައްވާފައިވާ އުމަރު ޒާހިރުގެ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި ހުޅުމާލެ ހިއްކުމާއި ތިލަފަޅު ހިއްކުން ފަދަ މަޝްރޫޢުތައް ހިމެނެ އެވެ.

މި މަޝްރޫއުތައް ހިންގި އިރު އެ މަސައްކަތުގެ މޭސްތިރިއަކަށްވެ ވަޑައިގެން އުމަރު ޒާހިރު ހުންނެވީ ހައުސިންގ މިނިސްޓަރު ކަމުގެ މަޤާމްގަ އެވެ. އަދި 1953 ވަނަ އަހަރުން ފެށިގެން ދަޢުލަތައް ޚިދުމަތް ކުރެއްވި އިރު، ކުޅިވަރާ ބެހޭ ވަޒީރުކަމާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް ވަނީ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް