އަވަށްޓެރި ބަންގްލަދޭޝަކީީ މި ސަރަހައްދުގައި ދަރަނި އެންމެ ކުޑަ ޤައުމު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ ބޮޑު ވަޒީރު މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ރުހުން ހޯއްދެވުމަށްޓަކައި ދައުރުން ބޭރުން މިއަދު ބޭއްވުނު ޖަލްސާގައި ވާހަކަފުުޅު ދައްކަވަމުންނެވެ.
ބަންގްލަދޭޝަކީ އެތެރެވަރީގައި އެންމެ ބާރު ސްޕީޑްގައި ތަަރައްޤީ ވަމުން އަންނަ ޤައުމު ކަމަށާއި އެ ޤައުމު ހާއްސަ ކޮށްލެވެނީ ބޭރުގެ ދަރަނި މި ސަރަހައްދުގައި އެންމެ ކުޑަ ޤައުމުގެ ގޮތުގައި ކަން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ވަކި ހާއްސަކޮށް އެއް ޤައުމަކަށް ދަރާފައިވާ ބޮޑު އެއްވެސް ދަރަންޏެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅު ގައި އިތުރަށް ފާހަގަ ކުރެއްވިި ގޮތުގައި މި ވަގުތު ދުނިޔޭގައި އެންމެ ބޮޑަށް ތަރައްޤީ ވަމުން އަންނަ އެއް ޤައުމަކީ ވެސް ބަންގްލަދޭޝް އެވެ. އެގޮތުން ނަޝީދު ވިދާޅުވީ 150 މިލިޔަނަށްވުރެ ގިނަ މީހުން ހިމެނޭ ބަނގްލަދޭޝްގައި، ކޮވިޑްގެ ހާލަތު އެންމެ ބޮޑު ދުވަސްވަރު 2020 ވަނަ އަހަރު އެ ޤައުމުގެ ޖީޑީޕީ އަކީ 310 ބިލިޔަން ޑޮލަރު ކަމަށެވެ. އަދި 2019 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ އަކީ ފަސް ބިލިއަން ޑޮލަރު ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި ބަންގްލަދޭޝްގެ ދަރަނީގެ ނިސްބަތަކީ އެ ޤައުމުގެ ޖީޑީޕީގެ 45 ޕަސެންޓް ކަމުގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް