ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތާއި އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ހެލްތާއި ދެމެދު، މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގައި މިއަދު ސޮއިކޮށްފި އެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޕްރައިމަރީ ކެއަރ، ސެކަންޑަރީ ކެއަރ، ހެލްތު ރެޒިލިއެންސް، ހެލްތު ފިނޭންސިންގ، ހެލްތު ޓެލެންޓް އަދި ހެލްތު ޓެކްނޮލޮޖީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމުގައެވެ.
އެގޮތުން، ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ދެޤައުމުގެ ޞިއްޙީދާއިރާގެ ފަންނުވެރިން ބަދަލުކުރުމާއި، ޑޮކްޓަރުން، ނަރުހުން އަދި ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން ތަމްރީނުކުރުމުގެ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމުގައި ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.
މި އެއްބަސްވުން ޤާއިމް ކުރެވުމުގެ ސަބަބުން ޞިއްޙީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ލިބިގެންދާނެ ކަމުގައި އެ މިނިސްޓްރީން ހާމަ ކުރެއެވެ.
ވަރޗުއަލްކޮށް ސޮއިކުރި މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު ނަސީމެވެ. އަދި އިންޑޮނޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ހެލްތު މިނިސްޓަރ ބުޑީ ގުނާޑީ ސަޑިކިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް