ކްރިސްމަސްއާ ދިމާކޮށް އިޓަލީ ފުރަބަންދު ކުރަން ނިންމައިފި

ކޮވިޑް-19 ފެތުރުނަނުދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ކްރިސްމަސްއާ ދިމާކޮށް އިޓަލީ ފުރަބަންދު ކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ. އިޓަލީގެ ސަރުކާރާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ...

20 Dec 2020 | 15:07

ކޮވިޑް-19 ފެތުރުނަނުދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ކްރިސްމަސްއާ ދިމާކޮށް އިޓަލީ ފުރަބަންދު ކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އިޓަލީގެ ސަރުކާރާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ ކްރިސްމަސްއާ ދިމާކޮށް "ރެޑް ޒޯން" ތައް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރެޑް ޒޯންގައި ހިމެނޭ ސަރަހައްދުތަކުގައި ކޮންމެހެން މުހިންމު ނޫން ފިހާރަތާކައި ރެސްޓޯރެންޓް އަދި ބާ ފަދަ ތަންތަން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ރެޑް ޒޯންގައި ދިރިއުޅޭ ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް ނޫންގޮތަކަށް ބޭރަށް ނުނިކުތުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އިޓަލީގެ ބޮޑުވަޒީރު ކޮންޓޭ ވިދާޅުވީ މިއީ ވަރަށް އުނދަގޫވި ނިންމެވުމެއް ކަމަށާއި ޚާއްސަކޮށް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ ދަނޑިވަޅެއްގައި މި ނިންމުން ނިންމަން ޖެހުމުން އެކަމާއި ކަންބޮޑުވި ކަމަށެވެ.

އެހެންނަމަވެސް، އިޓަލީގެ ސަރުކާރުން އަބަދުވެސް އިސްކުރާނީ އާންމު ފަރުދުންގެ ސިއްހަތު ކަމަށާއި މި ނިންމުމަކީ ވެސް ސިއްހީ ވުޒާރާއިން އާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރަން ނިންމި އުނދަގޫ ނިންމެވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑުގެ ދެވަނަ ރާޅެއް އައިސް ބަލި ކޮންޓްރޯލް ކުރަން ދަތިތަކެއް ކުރިމަތިވެދާނެތީ، ޖަރުމަނުވިލާތް، ނެދެލޭންޑްސް އަދި އޮސްޓްރިއާ ފަދަ ގައުމުތަކުން ވަނީ ކްރިސްމަސްއާއި ދިމާކޮށް ލޮކްޑައުންއަކަށް ދާނެކަން ކުރިން ވެސް ހާމަކޮށްފަ އެވެ.

އިޓަލީއަކީ މުޅި ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފަވާ ގައުމެވެ. އެ ގައުމުން މިހާތަނަށް 1.9 މިލިއަން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި އެގައުމުން ފަސްދޮޅަސް އަށްހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް