ސްރީލަންކާއިން މަރުވާ މުސްލިމުންގެ ގަބުރާ މެދު ގޮތެއް ނިންމަން ތަމަޅައިން ގޮވާލައިފި

ސްރީލަންކާއިން މަރުވާ މުސްލިމުންގެ ގަބުރާ މެދު ގޮތެއް ނިންމަން ތަމަޅައިންގެ މައި ޕާޓީ، ޓެމިލް ނޭޝަނަލް އެލާޔަންސް، (ޓީ.އެން.އޭ) އިން އެ ގައުމުގެ ސަރުކާރަށް ގޮވާލައިފި އެވެ. ސްރީލަންކާގައި ކޮވިޑް ޖެހިގ...

20 Dec 2020 | 14:59

ސްރީލަންކާއިން މަރުވާ މުސްލިމުންގެ ގަބުރާ މެދު ގޮތެއް ނިންމަން ތަމަޅައިންގެ މައި ޕާޓީ، ޓެމިލް ނޭޝަނަލް އެލާޔަންސް، (ޓީ.އެން.އޭ) އިން އެ ގައުމުގެ ސަރުކާރަށް ގޮވާލައިފި އެވެ.

ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ނުވަތަ ކޮވިޑް ކަމަށް ޝައްކު ކުރެވޭ މަރުގެ ކޭސްތަކުގެ ގަބުރު ނައްތާލަނީ އަންދާލައިގެން ނެވެ. ނަމަވެސް މިއީ އިސްލާމީ އުސޫލުތަކާ ޚިލާފު ކަމަކަށް ވާއިރު، މިފަދައިން މުސްލިމުންގެ ގަބުރު އެންދުމާ ދެކޮޅަށް ކުރިއަށްދިޔަ އަޑުއުފުލުންތަކާއެކު މުސްލިމުންގެ ގަބުރު އަންދާލުން އޮތީ ވަގުތީ ގޮތުން މަޑުޖައްސާލާފަ އެވެ.

ޓީ.އެން.އޭ ބުނީ، މިކަމުގައި ގޮތް ނިންމުން ލަސް ކުރުމަކީ މުސްލިމުންގެ ދީނީ ޙައްޤުތަކަށް އަރައިގަތުން ކަމަށާއި މިއީ މުސްލިމުންނަށް ލިބިދޭ އަސާސީ ޙައްޤުތަކަށް ސަރުކާރުން އަރައިގަތުން ކަމަށެވެ.

މި ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ޑިސެމްބަރު 19 ވަނަ ދުވަހު ބައްދަލުކޮށް، މިކަމާ މެދު މަޝްވަރާ ކޮށްފައިވާނެ. މުސްލިމުންގެ ގަބުރުތަކަށް ހަދާނެ ގޮތެއް ވީ އެންމެ އަވަހަކަށް ނިންމުމަށް ސަރުކާރަށް ގޮވާލުމަށް، ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފަ. ކޮވިޑް ޖެހިގެން މަރުވާ މީހެއްގެ ގަބުރު ވަޅުލުމަކުން، އެހެން މީހަކަށް ގެއްލުމެއް އޮތް ކަމަށް ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ވެސް ވިދާޅުވެފައި ނުވޭ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލަމުން އާދޭ." ޓީއެންއޭގެ ތަރުޖަމާނު އަދި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުމަންތިރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިކަމުގައި މުސްލިމު ލީޑަރުންނާއެކު ލަންކާ ސަރުކާރުން މަޝްވަރާ ކުރުން މުހިންމު ކަމަށާއި އިތުރު ލަސް ކުރުމަކާ ނުލައި، މިކަމުގައި އިންސާފުވެރި ނިންމުމެއް ނިންމުމަށްވެސް ސަރުކާރަށް ގޮވާލައްވާ ކަަމަށެވެ.

ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރު އެންދުމުގެ މައްސަލައަށް ބައިނަލްއަގުވާމީ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. ގަބުރު އެންދުމުގެ މައްސަލާގައި ލަންކާގެ މަސްރަހު ހޫނު ވަމުން އަންނައިރު، މިކަމުގައި ހައްލެއް އޮތްތޯ، ލަންކާ ސަރުކާރުން ވަނީ ދިވެހި ސަރުކާރުގެ އެހީއަކަށްވެސް އެދިފަ އެވެ.

މިކަމުގައި ރާއްޖެއަށް ކޮށްދެވޭނެ ކަމެއް އޮތްތޯ ބެލުމަށް ދިވެހި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަކަން ދިވެހި ޚާރިޖިއްޔާއިން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް