ކޯވިޑްގެ ޙާލަތުން އެކަނިވެސް ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމުކަން ފާހަގަވެއްޖެ: ނައިބު ރައީސް

ކޯވިޑް-19 ގެ ޙާލަތުން އެކަނި ވެސް ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމުކަން އިތުރަށް ފާހަގަވެގެން ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ވިދާޅުވެއްޖެ އެވެ. އެމަނިކުފާނ...

20 Dec 2020 | 10:10

ކޯވިޑް-19 ގެ ޙާލަތުން އެކަނި ވެސް ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމުކަން އިތުރަށް ފާހަގަވެގެން ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނި މިހެން ވިދަޅުވީ ރާއްޖޭގައި ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތަކާއި، ނަރުހުން ވަޒީފާގެ މާޙައުލުގައި ދެމެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރުމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނަރސިންގ ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި މެންބަރުންނަށް މަރުޙަބާ ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތަކާއި، ތަމްރީނުތައް ފުރިހަމަކުރުމަށްފަހު ވަޒީފާގެ މާޙައުލަށް ނުކުންނަ ނަރުހުންގެ ޢަދަދު މަދުކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ. އަދި، އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ނަރސިންގް ކޯހަށް ދަރިވަރުން ލިބޭ ކަމަށާއި ނަމަވެސް ކޯސް ފުރިހަމަ ކުރުމަށްފަހު ވަޒީފާގެ މާހާއުލަށް ނުކުންނަ މީހުންގެ ޢަދަދު ދިރާސާތައް ދައްކާގޮތުން މަދުވާކަމަށް ބެލެވޭ މައިގަނޑު ސަބަބަކަށް ވެފައި ވަނީ ދިވެހިންނާ ބިދޭސީންގެ މުސާރައާއި އެލަވަންސްތަކުގެ ފަރަގު އިތުރުވުންކަމުގައި ވެސް ބައިވެރިން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވަނީ ރާއްޖޭގައި ސިޒޭރިންގެ ހަދާ ޢަދަދު ގިނަ ކަން ފާހަގަކުރައްވައި ނަރސިން ކޯސް ފުރިހަމަކުރުމުގައި މިޑްވައިފެރީ ކޮމްޕޯނެންޓް ކުރިއެކޭ އެއްގޮތަށް ލާޒިމްކުރުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި ވަނީ މިކަން ޙައްލުކުރުމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކުން ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޢާއިޝަތު ނަޒްހަތުއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޢަބްދުލްމަލިކްގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސް ބޭފުޅުންނާއި، ނަރސިންގް ކައުންސިލްގެ މެންބަރުންނާއި ކައުންސިލްގެ ރެޖިސްޓްރާ ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް