ކޮންޑޯ އެއަރ ލައިނުން ރާއްޖެއަށް ދަތުރު ފަށައިފި އެވެ.
ޖަރުމަނުގެ އެންމެ މަގުބޫލު ލެޝަރ އެއަރލައިން، ކޮންޑޯ އިން ވަނީ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން ވެސް ރާއްޖެއަށް ދަތުރުކޮށްފައެވެ.
އެ އެއަރ ލައިނުން އަލުން ރާއްޖެއަށް ދަތުރު ފެށިއިރު، ހަފްތާއަކު ދެ ދަތުރު ކުރާނެއެވެ. ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި އަންގާރަ ދުވަހަކު ރާއްޖެ އަށް ކޮންޑޯ އިން ދަތުރު ކުރާނީ އެއީ ޖަރުމަނުގެ ފްރޭންކްފަރޓް އާއި މާލެ އާ ދެމެދު އެވެ.
ކޮންޑޯ އިން މި ދަތުރުތައް ފެށި އިރު، ޖަރުމަންގެ ލުފްތަންސާ އެއަރލައިން އިންވެސް އަންނަނީ ރާއްޖެ އާއި ޖަރުމަނާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވަމުންނެވެ. އެގޮތުން މާލެ އާއި ފްރޭންކްފަރޓް އާއި ދެމެދު ކޮންމެ ހަފްތާއެއްގެ ބުދަ އަދި އާދިއްތަ ދުވަހު ދަތުރު ބާއްވަ އެވެ.
ޖަރުމަނަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިއްމު މާކެޓަކަށްވާ އިރު، ޖުލައި15 އިން މި މަހުގެ 16ގެ ނިޔަލަށް ޖަރުމަނުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 5،393 އަށް އަރާފަ އެވެ.އަދި މިއަހަރުގެ ތެރޭގައި މިހާތަނަށް އެގައުމުން 32،072 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސް ހިސާބަށް ބަލާ އިރު، މި މަހުގެ 18ގެ ނިޔަލަށް 505,092 ފަތުރުވެރިން މިއަހަރުގެ ތެރޭގައި ރާއްޖެ އައިސްފައިވެއެވެ. ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލިފަހުން މިމަހުގެ 16 ގެނިޔަލަށް 122,245 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ރާއްޖެ އަންނަ އެއަރލައިންތަކުގެ އަދަދު ވިއްސަށް ވުރެ އިތުރުވެފައިވާއިރު، މި އަހަރުގެ ތެރޭ އިތުރު އެއަރލައިންތަކުން ރާއްޖެއަށް ދަތުރު ފަށަން ވަނީ ތައްޔާރުވެފައެވެ.
https://twitter.com/VelanaAirport/status/1340562914751594497
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް