އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ގުޅިގެން ހިންގި ތެލުގެ ހިޔާނާތައި ގުޅިގެން އެފްއެސްއެމްގެ އިތުރު މުވައްޒަފުންތަކަކަށް ފިޔަވަޅު އަޅައިފި އެވެ.
މި މައްސަލައިގަ ކުރިން ފިޔަވަޅު އެޅީ އެފްއެސްއެމްގެ ބައުޒަރު ދުއްވާ މީހަކަށެވެ. އެމީހާ ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައި އެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ރޭ ރާއްޖެ ޓީވީގައި ވިދާޅުވީ އެ މައްސަލާގައި އިތުރު މުވައްޒަފުންތަކެއް ބައިވެރިވާ ކަމަށް ތުހުމަތު ކުރެވިގެން މުވައްޒަފުންނާއި ސުވާލު ކުރުމުން ކުށަށް އިއުތިރާފު ވެފައި ނުވާ ކަމަށެވެ. އެމީހުންނާއި ދެކޮޅަށް ހެކި އެބަ ހުރި ކަމަށާއި އެ މައުލޫމާތުތައް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އެފްއެސްއެމްގެ ފަސް މުވައްޒަފަކު ތެލުގެ ހިޔާނާތާއި ގުޅިގެން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އެކަމަކު ބެލިބެލުމުން އެފްއެސްއެމްގެ ސީނިއާ މެނޭޖުމެންޓުގެ އެއްވެސް ބައިވެރިވުމެއް އެ ކަމުގައި ހިމެނޭކަން ފާހަގަވެފައި ނުވާ ކަމަށް ގަސަމް ވިދާޅުވި އެވެ.
ގަސަމް ވިދާޅުވި ގޮތުގައި އެމްޕީއެލަށް ތެޔޮ ހޯދުމުގައި ކުރި ވައްކަމަކީ ޒަމާނުއްސުރެން ހިނގަމުން އައި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އެކަން ފަޅާއެރީ، ކޯވިޑާ ގުޅިގެން ހަރަދުތައް ކުޑަކޮށްފައި އޮތް ތިން މަހު އާދަޔާ ހިލާފަށް ހަރަދު ބޮޑުވުމުންކަން ފާހަގަކުރެއްވި އެވެ.
މި މައްސަލަ ފަޅާ އެރީ އެމްޕީއެލްގެ ތެރެއިންނެވެ. ދެ ކުންފުނީގެ މުވައްޒަފުން ގުޅިގެން ތެލުގެ ހިޔާނާތް ހިންގާފައިވަނީ ކޯވިޑް-19ގެ ލޮކްޑައުން ތެރޭގައި އެވެ.
ވައްކަން ފަޅާއެރީ، އޮޕަރޭޝަންސްތައް މަޑުޖައްސާފައި ވަނިކޮށް މާގިނައިން ތެޔޮ ބޭނުންކުރި ކަމަށް ރިޕޯޓްތަކުން ފެންނަން އޮތުމުން ޝައްކުވެގެން ބެލުމުން ކަމަށް އެމްޕީއެލް އިން ކުރިން ބުނެފައިވެ އެވެ.
މި މައްސަލައިގަ ބައިވެރިވާ އެމްޕީއެލްގެ މުވައްޒަފުންވެސް ވަނީ ސަސްޕެންޑު ކޮށްފައި އެވެ. އެއީ ކިތައް މުވައްޒަފުންނެތް ކަމެއް އެމްޕީއެލްއިން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް