އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީ އިން ސައުތެމްޓަންގެ މައްޗަށް ކުރި ހޯދިއިރު، އެވަޓަން އަތުން އާސެނަލް ބަލިވެއްޖެ އެވެ.
މެންޗެސްޓަރ ސިޓީން ސައުތެމްޕްޓަންގެ މައްޗަށް ކުރި ހޯދީ0-1 ގެ ނަތީޖާއިންނެވެ. އަދި އެވަޓަންއިން އާސެނަލްގެ މައްޗަށް ކުރި ހޯދީ1-2 ގެ ނަތީޖާއިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ސިޓީ އިން މޮޅުވި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކެވިން ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. ސިޓީ އިން މެޗުގެ ލީޑު ނެގިފަހުން މެޗު ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ސައުތެމްޕްޓަންއިންނެވެ. އެގޮތުން ސައުތެމްޓަނުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. ނަމަވެސް އެޓީމަށް ވަނީ ސިޓީގެ ގޯލަށް ބޯޅަ ވައްދާލެވޭގޮތް ނުވެފައެވެ.
މެޗުގެ ދެ ވަނަ ހާފަށް ކުޅެން ނިކުމެ ވެސް އިތުރު ލަނޑޭއް ޖެހޭތޯ ދެޓީމުންވެސް ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައިވެއެވެ.
ރޭގެ މެޗަށް އާސެނަލް ބަލިވި އިރު، އެޓީމުން ރޭގެ މެޗަށް ނިކުތީ އަނިޔާގެ ސަބަބުން ޕިއޭ އެމެރިކް އޮބާމިޔަން ނުލައެވެ. މެޗުގެ ކުރީކޮޅު އެވަޓަން އަށް ލީޑު ލިބުނީ އާސެނަލްގެ ޑިފެންޑަރު ރޮބް ހޯލްޑިން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އާސެނަލަށް ލިބުނު ޕެނަލްޓީއަކުން ނިކޮލަސް ޕެޕޭ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެވަޓަން މޮޅުކޮށްދިން ލަނޑު ކޯނަރަކުން ބޮލުން ކާމިޔާބުކޮށްދިނީ ޔެރީ މިނާ އެވެ.
އާޓެޓާގެ ކޯޗުކަމުގައި ލީގުގައި އާސެނަލް 13 މެޗުން މޮޅުވިއިރު 13 މެޗުން ވަނީ ބަލިވެފަ އެވެ. އެއްވަރުވީ އަށް މެޗުންނެވެ. ލީގުގައި އާސެނަލަށް 14 މެޗުން ލިބުނު 14 ޕޮއިންޓާ އެކު އޮތީ ލީގުގެ 15 ވަނައިގަ އެވެ.
ރޭގެ މެޗުތަކަށް ފަހު އެވަޓަން ވަނީ 26 ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ސިޓީ އިން ވަނީ 23 ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް