ސުޝާންތުގެ މަރާ ޖާވިދާއި ގުޅުވައި ކަންގަނާ ދެއްކި ވާހަކަތަކުގެ މައްސަލަ ބަލަނީ

ބޮލީވުޑްގެ ކުރީގެ ބަތަލް ސުޝާންތު ސިންގް ރާޖްޕުޓުގެ މަރާއި މަޝްހޫރު ޅެންވެރިޔާ ޖާވިދް އަހަތަރާއި ގުޅުވައިގެން ބަތަލާ ކަންގަނާ ރަނާވަތް ދެއްކި ވާހަކަތަކުގެ މައްސަލަ ބަލަން ފުލުހުންނަށް އަމުރު ކޮށްފި އެ...

20 Dec 2020 | 06:37

ބޮލީވުޑްގެ ކުރީގެ ބަތަލް ސުޝާންތު ސިންގް ރާޖްޕުޓުގެ މަރާއި މަޝްހޫރު ޅެންވެރިޔާ ޖާވިދް އަހަތަރާއި ގުޅުވައިގެން ބަތަލާ ކަންގަނާ ރަނާވަތް ދެއްކި ވާހަކަތަކުގެ މައްސަލަ ބަލަން ފުލުހުންނަށް އަމުރު ކޮށްފި އެވެ.

މުމްބާއީގެ ބާންދްރާގައި ސުޝާންތު ދިރިއުޅޭ އެޕާޓްމެންޓުގައި އަމިއްލައަށް ދަން ޖެހިގެން މަރުވެފައި ހުއްޓަ ފެނުނީ މިއަހަރުގެ ޖޫން މަހުގެ   14 ވަނަ ދުވަހު އެވެ. ސުޝާންތުގެ މަރާއި އޭނާ ލޯބިވެރިޔާ ރިއާ ޗަކްރްބަތީ އާއި ބޮލީވުޑްގެ ބައެއް ޑައިރެކްޓަރުންނާއި ގުޅުވައިގެން ވާހަކަ ދައްކާފައިވެ އެވެ. އަދި މަސްތުވާތަކެއްޗާއި ވެސް ސުޝާންތުގެ މަރު ގުޅުވާފައިވެ އެވެ.

ސުޝާންތުގެ މަރުގެ މައްސަލައިގަ ކުރެވުނު ބަހުސްތަކުގައި އެންމެ ވިދާލި އެކަކީ ބަތަލާއަކީ ކަންގަނާ އެވެ. ކަންގަނާ ވަނީ ސުޝާންތުގެ މަރުގެ ޒިންމާ ބޮލީވުޑްގެ މަޝްހޫރު ހުރިހާ އެންމެންގެ ބޮލުގައިހެން އަޅުވާފައި އެވެ.

އޭގެ ތެރޭގައި ޖާވިދް އަހްތަރުވެސް ހިމެނެ އެވެ. ސުޝާންތު މަރުވި ދުވަސްވަރު ކަންގަނާ ވަނީ ޖާވިދް އަހްތަރު، ކަރަން ޖޯހަރު، މަހޭޝް ބަޓް އަދި ސަންޖޭ ލީލާ ބަންސާނީ ފަދަ ބޮލީވުޑްގެ ވަރުދަގަ މީހުންގެ ސަބަބުން ސުޝާންތަށް ފިލްމީ ދާއިރާގައި ކުރިޔަށް ދެވޭގޮތް ނުވީ ކަމަށް ބުނެފައި އެވެ.

އަދި އެ މީހުން ސުޝާންތަށް ލިބެން ހަމަޖެހުނު ބައެއް ފިލްމުތައް ހުއްޓުވި ކަމަށް ބުނެފައިވެ އެވެ. ސުޝާންތު އަމިއްލައަށް މަރުވީ އެ ކަންކަމުގެ ސަބަބުން ޑީޕްރެޝަނަަށް ގޮސްގެން ކަމަށް ކަންގަނާ މީޑިއާގައި ބުނެފައިވެ އެވެ.

މި މައްސަލައިގަ މުމްބާއީ މެޓްރޯޕޮލިޓަން މެޖިސްޓްރޭޓް ކޯޓަށް ޖާވިދު މައްސަލަ ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އެވެ. މި މައްސަލަ ބެލުމަށް ފަހު އިއްޔެ އެ ކޯޓުން ވަނީ ޖާވިދް ހުށަހަޅާފައިވާ މައްސަލައިގަ ފާހަގަ ކޮށްފައިވާ ކަންކަން ބެލުމަށް މުމްބާއީ ފުލުހުންނަށް އަމުރު ކޮށްފައި އެވެ.

ޖާވިދު ބުނީ އެއްވެސް ހެއްކެތްނެތި އޭނާ އާއި ގުޅޭގޮތުން ކަންގަނާ ދެއްކި ވާހަކަތަކުގެ ސަބަބުން އަބުރު ގެއްލިފައިވާ ކަމަށެވެ. ޖާވިދް ބުނީ އޭނާ އާއި ސުޝާންތުގެ މަރާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި އެ ދޭތެރެއަށް އޭނާ ވައްދައިގެން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ކަންގަނާ އެ ދުވަސްވަރު ދެއްކި ވާހަކަތަކާއި ގުޅިގެން ގިނަ ބޮލީވުޑް ތަރިން ވަނީ ކަންގަނާ އާއި ދެކޮޅަށް ވާހަކަ ދައްކާފައި އެވެ. އަދި މަޝްހޫރު ޑައިރެކްޓަރުން ވަނީ ކަންގަނާ އާއި އެކު ދެން މަސައްކަތް ނުކުރާނެ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް