ރާޢްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ބިޒްނަސް އަދި ސްޕެޝަލް ވިސާގައި އޮންނަ މީހުންނަށް ވޯކް ވިސާ ދޫކުރަން ފަށައިފި އެވެ.
މިގޮތަށް ހަމަޖެއްސީ ކޯވިޑް-19 ގެ ސަބަބުން، ބައެއް ގައުމުތަކުގެ ބޯޑަރު ބައިނަލްއަގްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވާތީ ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކެއް ތިބުމުން ކަމަށެވެ. އެފަދަ ބިދޭސީންނަށް ވޯކް ވިސާ ދޫކުރަނީ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުންނެވެ.
އިމިގްރޭޝަނުން ބުނީ ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގައި އުޅެމުން އަންނަ ފަރާތްތަކުގެ ތެރެއިން، ވޯކް ވިސާއަށް އެދި ހުށަހެޅޭނީ މުއްދަތު ހަމަނުވާ ވިސާއެއް އޮތް ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އެ ފަރާތްތަކަކީ މިއަހަރުގެ ޑިސެމްބަރު އެއް ވަނަ ދުވަހުގެ ކުރިން ސްޕެޝަން ނުވަތަ ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވެފައިވާ ފަރާތަކަށް ވާން ޖެހޭނެ އެވެ.
ބިޒްނަސް ވިސާ ދޫކުރަނީ ރާއްޖޭގައި ދިވެހިންނާއި ގުޅިގެން ވިޔަފާރި ކުރާ ބިދޭސީންނަށެވެ. ސްޕެޝަލް ވިސާގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރޭގައި ކްލަބް އެސޯސިއޭޝަން އަދި ޖަމިއްޔާތަކުން ގެނެސްފައިވާ ފަރާތްތަށް ހިމެނޭނެ އެވެ.
އިމިގްރޭޝަނުން ބުނީ އެ ފަރާތްތަކުގެ ވިސާ ބަދަލު ކުރުމުގެ ކަންކަން އަންނަ އަހަރުގެ ޖޫން 30 ގެ ކުރިން ނިންމަން ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް