ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް - ފޮޓޯ: މަޖިލިސް
ފުލުހުންގެ ބޮޑީވޯން ކެމެރާތަކުގެ ޕްރޮކިއުމަންޓާ ގުޅޭ
މައްސަލައިގާ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް
އަހްމަދު ނާޒިމް ޒެޓާ ޓެކްނޮލޮޖީސް އާއި ގުޅޭގޮތުން ދެއްކި ވާހަކަތައް ދެއްކީ ކަމުގެ
މަޢުލޫމާތު ރަނގަޅަށް ނުއެނގި ހުރެ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާކަމުގައި
ޒެޓާއިން ބުނެފިއެވެ.
ޒެޓާއިން މިހެން ބުނެފައިވަނީ ޒެޓާ އެންޓަޕްރައިޒަސް
ޕްރައިވެޓް ލިމިޓެޑާއި އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ ވަކީލުންގެ
ފަރާތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ޒެޓާއިން ބުނެފައިވަނީ 19 ނޮވެންބަރު
2025 ގައި އޮތް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ 2 ގެ ބައްދަލުވުމުގައި ރައްޔިތުންގެ
މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ޒެޓާ އެންޓަޕްރައިޒަސް
ޕްރައިވެޓް ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ދެއްކި ވާހަކަތަކަކީ
ކަމުގެ ޙަޤީގަތް އޮޅޭގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
ކަން ހިނގާފައިވާގޮތް ހާމަކުރަމުން ޒެޓާއިން ބުނެފައިވަނީ
1400 ބޮޑީވޯން ކެމެރާ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދެވުނު
ޓެންޑަރގައި ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ޓެންޑަރ އެވޯޑުނުކުރުމަށް
ނެޝަނަލް ޓެންޑަރ ބޯޑުން މައިގަނޑު ގޮތެއްގައި ނިންމާފައިވަނީ ސިންގަލް ސޯސް ޕްރޮކިއުމަންޓް
އުސޫލުން ޓެންޑަރ ކުރިއަށް ގެންދަން ނުފެންނާތީކަން އެނގޭއިރު، ޒެޓާ އެންޓަޕްރައިޒަސް
ޕްރައިވެޓް ލިމިޓެޑު "ކޮލިފައި" ނުވާތީ، އެއް ވެރިން ހިމެނޭ ޒެޓާ ޓެކްނޮލޮޖީސް
ޕްރައިވެޓް ލިމިޓެޑަށް މަސައްކަތް ޙަވާލުކޮށްގެން ގެންދިޔަކަމަށް ދިއްގަރު ދާއިރާގެ
މެންބަރު އަޙްމަދު ނާޒިމް ވިދާޅުވި ކަމަށާއި އެހެންނަމަވެސް، ކަން ހިނގާފައިވަނީ އެ
ގޮތަށް ނޫންކަން ފާހަގަކުރާކަމަށެވެ.
"ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް
ލިމިޓެޑުން ޓެންޑަރ އަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅައި އެކަން ކުރެވޭނެ
މާލީ އަދި ފަންނީ ޤާބިލުކަން ހުރިކަން ސާބިތުކޮށްދިނުމުގެ ގޮތުން ލިޔެކިޔުން ހުށަޅައިފައިވާނެ،
ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އޭރު ހުށަހެޅި ޕްރޮޕޯޒަލަކީވެސް ފަސް
އަހަރުގެ ޕޭމަންޓު ޕްލޭންއަކާ އެކު ދައުލަތަށް މާލީ ގޮތުން ލުއިވާނެ ގޮތަކަށް ހުށަހެޅި
ޕްރޮޕޯޒަލެއް" ޒެޓާއިން ފާހަގަކޮށްފައިވެއެވެ.
ޕްރޮކިއުމަންޓް މަސައްކަތާއި ކެމެރާގެ ޓްރަޔަލް ޕްރޮސެސް
ކުރިއަށް ގެންގޮސްފައިވާ ޓައިމްލައިނާ ހޯދަން ބޭނުންވާ ބްރޭންޑުގެ ބޮޑީ ވޯން ކެމެރާ
ފޯރުކޮށްދިނުމުގެ އެކްސްކްލޫޒިވް ރައިޓްސް ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން
ހޯދާފައިވާ ތާރީޚް ފުށުއަރާކަމަށް ފާހަގަކޮށްފައިވަނީ، ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް
ލިމިޓެޑުން ހުށަހަޅައިފައިވާ AXON ގެ އެކްސްކްލޫޒިވް އަދި ސޯލް ޑިސްޓްރިބިއުޓަރޝިޕް
ލިޔެކިޔުންތައް ރަނގަޅަށް ބެލުމެއްނެތިކަން ފާހަގަކުރަމުން ޒެޓާއިން ބުނެފައިވަޏީ ޒެޓާ
އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަކީ 2019 ވަނަ އަހަރުން ފެށިގެން AXON އާއެކު ދިވެހިރާއްޖޭގައި ސޯލް ޑިސްޓްރިބިއުޓަރެއްގެ
ގޮތުގައި ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް
ކަމަށާއި އަދި AXON ގެ ދިވެހިރާއްޖޭގެ އެކްސްކްލޫޒިވް ޑިސްޓްރިބިއުޓަރގެ
ގޮތުގައި 24 އޮގަސްޓް 2020 ގައި އައްޔަންކޮށްފައިވާކަމަށެވެ.
"ނަންބަރު
TES/2021/G-015 ޕްރޮޖެކްޓުގެ ދަށުން 1400 ބޮޑީވޯން ކެމެރާ
ހޯދުމަށް ކުރެވުނު ނަންބަރު (IUL)13-K/13/2021/207 އިއުލާނާއި 200 ބޮޑީވޯން ކެމެރާ ހޯދުމަށް
ކުރެވުނު ނަންބަރު 171-12(b)/IUL/2021/361 އިއުލާނުގެ ދަށުން ހުޅުވާލެވުނު ބީލަމަށް
ކުރިމަތިލާފައިވަނީ ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން، 200 ބޮޑީވޯން ކެމެރާ
ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި އޯޕަން ޓެންޑަރ ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް
ލިމިޓެޑުން ކާމިޔާބުކޮށް ދިވެހި ފުލުހުންގެ ޚިދުމަތާއެކު ވެވުނު އެއްބަސްވުމުގެ ދަށުން
މަސައްކަތް ފުރިހަމަކޮށްފައިވޭ، އަދި މި ބީލަން ކުރިއަށް ގެންދިޔުމުގައި އަދި އެވޯޑުކުރުމުގައި
ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ހިނގާފައިނުވާކަން އެންޓި-ކޮރަޕްޝަން
ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ނިންމާފައިވެސް ވޭ" ޒެޓާއިން ފާހަގަކޮށްފައިވެއެވެ.
ޒެޓާއިން ދެން ފާހަގަކުރާ ކަމަކީ 1200 ބޮޑީވޯން ކެމެރާ
ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދެވުނު ޓެންޑަރއަށް ޒެޓާ
ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން ޕްރޮޕޯޒަލް ހުށަހަޅައި، އެ ޓެންޑަރ ޒެޓާ ޓެކްނޮލޮޖީސް
ޕްރައިވެޓް ލިމިޓެޑަށް އެވޯޑުކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން ނިންމުމާ ގުޅިގެން ދިވެހި
ފުލުހުންގެ ޚިދުމަތާއެކު އެއްބަސްވުމުގައި ސޮއިކުރެވި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި
އެންމެހައި ތަކެތި ފޯރުކޮށްދީ މަސައްކަތް ފުރިހަމަކޮށްފައިވާނޭ ކަމާއި މި މަސައްކަތްކުރުމަށް
ހުށަހެޅިފައިވާ އަގުގެ ތެރޭގައި 1200 ބޮޑީ ވޯން ކެމެރާ އަދި ގުޅުންހުރި އާލާތްތައް
ފޯރުކޮށްދިނުމަށާއި، 1200 ބޮޑީ ވޯން ކެމެރާ އަދި ހާރޑްވެއަރ އަށް 3 އަހަރުގެ ވޮރެންޓީ
ފޯރުކޮށްދިނުމަށާއި، ޑިޖިޓަލް އެވިޑެންސް މެނޭޖްމަންޓް ސިސްޓަމާއި އަދި ކެމެރާއާ ގުޅުންހުރި
ލައިސެންސް އަދި މެއިންޓަނަންސް އަދި ސަޕޯޓް 4 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދިނުމަށާއި
ބޮޑީ ވޯން ކެމެރާ ލައިވް ސްޓްރީމް މެދުކެނޑުމެއްނެތި ބޭނުންކުރެވޭގޮތަށް އިންޓަރނެޓްގެ
ޚަރަދުތަކާއި ކެމެރާ ބޭނުންކުރުމާ ގުޅޭ އެންމެހާ ތަމްރީނުތައް ދިނުން ހިމެނޭކަމެވެ.
"ބޮޑީވޯން ކެމެރާ ހޯދުމަށް ކުރިއަށް
ގެންދެވުނު ޓެންޑަރއަށް ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ އެސްޓިމޭޓުގައި
ލަފާކޮށްފައިވަނީ 48 މިލިއަން ރުފިޔާ ކަމަށާ އެހެން ނަމަވެސް ކަން ނިމުނުއިރު ހުށަހަޅާފައިވަނީ
ގާތްގަނޑަކަށް 66 މިލިއަން ރުފިޔާ ކަމަށާއި، ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ އިތުރުވުފައިވާ
ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެފައިވޭ، މިއީ ކަމުގެ ޙަޤީޤަތް
އޮޅޭ ގޮތަށް ހާމަކޮށްފައިވާ ވާހަކައެއް، ބޮޑީވޯން
ކެމެރާ ހޯދުމަށް ހުޅުވާލެވުނު އެއްވެސް ބީލަމަކަށް ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް
ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތުގެ އަގުގެ
ގޮތުގައި 48 މިލިއަން ރުފިޔާ ހިމަނާ އެއްވެސް އިރަކު ޕްރޮޕޯޒަލެއް ހުށަހަޅާފައިނުވާނެ"
ޒެޓާއިން ބުނެފައިވެއެވެ.
އެކަން އިތުރަށް ތަފުސީލުކޮށްދެމުން ޒެޓާއިން ބުނެފައިވަނީ
1200 ބޮޑީވޯން ކެމެރާ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދެވުނު
ޓެންޑަރގައި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން މަސައްކަތުގެ އަގުގެ ގޮތުގައި
ޓެކްސް ހިމެނޭ ގޮތަށް ހުށަހަޅައިފައިވަނީ 66.4 މިލިއަން ރުފިޔާ ކަމަށާއި އެ އަދަދަށް
އެއްވެސް ބަދަލެއް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންވެސް އަދި ފަހުންވެސް އައިސްފައިނުވާކަމަށެވެ.
އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް އަގު އަދާކުރުމަށް
ލުއި ފަސޭހަ ގޮތެއް ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަމަޖައްސައިދީ،
4 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން އަގު އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާނެ
ކަމަށާއި އެއީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައިވެސް ކުރިއާލާ ފައިސާއެއް ދައްކަން
ނުޖެހި ހުރިހާ ޚިދުމަތެއް ލިބި، މިފަދަ ލުއިފަސޭހަ ގޮތަކަށް އަގު އަދާކުރުމަށް އެއްބަސްވެވިފައިވާ
ފުރަތަމަ ފަހަރުކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށްވެސް ޒެޓާއިންބުނެފައިވެއެވެ.
"އަދި މި ތަކެތި ފޯރުކޮށްދީފައިވަނީ
އެއްވެސް އެޑްވާންސް ފައިސާއެއް ނެގުމަކާނުލައި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭންޖެހޭ
އެންމެހައި ތަކެތި ފޯރުކޮށްދިނުމަށްފަހުގައި، އަދި މި އެއްބަސްވުމުގެ ދަށުން ދިވެހި
ފުލުހުންގެ ޚިދުމަތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށްފައިވަނީ މިއަހަރުގެ ނޮވެންބަރު
މަހުގައިކަން ފާހަގަކުރަން" ޒެޓާއިން ބުނެފައިވެއެވެ.
ޒެޓާގެ ނޫސްބަޔާނުގައި ބުނެފައިވަނީ ވަކި މީހަކަށް ނާޖައިޒު
މަންފާއެއް ހޯދައިދީ ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް
ލިމިޓެޑުން އަމަލުކޮށްފައިވާކަން ހާމަވާފަދަ މޭރުމަކުން ދިއްގަރު ދާއިރާގެ މެންބަރު
އަޙްމަދު ނާޒިމްގެ ވާހަކައިން ތުހުމަތުކޮށްފައިވާތީ، އެއީ ކަމުގެ މަޢުލޫމާތު އެންމެ
ރަނގަޅަށް ލިބިފައިނެތި، ދައްކާފައިވާ ވާހަކައެއްކަމުގައި ދެކޭކަމަށާއި އަދި މާލިއްޔަތު
ކޮމިޓީގައި މައްސަލަ ބަަލައި ދިރާސާކުރި މުއްދަތުގައި ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް
ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑްގެ އެއްވެސް ބަހެއް ހޯދާފައިނުވާކަންވެސް
ފާހަގަކުރާކަމަށެވެ.
"ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް
ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑް، މި ދެ ކުންފުންޏަކީވެސް، އުފެދުނީއްސުރެ
މިހާތަނަށްވެސް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރަމުން އަންނަ ކުންފުނިތަކެއްކަމަށާ އެއްވެސް
ފަރާތަކަށް ނާޖައިޒު މަންފާއެއް ހޯދައިދީ އަދި އެހެންވެސް ގޮތަކަށް މުޤާބިލެއް ދީގެން
އެއްވެސް މަސައްކަތެއް ކުރުމުގެ އެއްވެސް ނިޔަތެއް ނެތްއިރު، ޓެންޑަރ އުސޫލުން ހިންގާ
ހުރިހާ މަސައްކަތެއްވެސް ކާމިޔާބުކޮށްފައިވަނީ އެ އޮންނަ އުސޫލުގެ ތެރެއިންކަމުގައި
ފާހަގަކުރަން" ޒެޓާއިން އިތުރަށް ބުނެފައިވެއެވެ.
ނޫސްބަޔާން ނިންމާލަމުން ޒެޓާއިން ބުނެފައިވަނީ އެފަދައިން
ހަވާލުވާ ކޮންމެ މަސައްކަތެއްވެސް އެއްވެސް މައްސަލައެއް ނުޖެހި އެއްބަސްވުމާ އެއްގޮތަށް
ފުރިހަމަކޮށްފައިވާކަން ފާހަގަކުރާކަމަށާއި ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން، މިއަދާ ހަމައަށް އަޅާފައިވާ ވިޔަފާރީގެ
ކާމިޔާބު ބިންގާ އެއްވެސް ސަބަބަކާ ނުލައި ކުންފުނީގެ އަގު ވެއްޓިގެންދާ ގޮތަށް ވާހަކަ
ދެއްކުމަކީ ނުހަނު ކަންބޮޑުވާ ކަމަކަށްވާތީ އަދި ކުންފުނީގެ ވިޔަފާރިއަށް ނުރަނގަޅު
އަސަރު ފޯރާނެކަމެއް ކަމަށް ދެކޭތީ، ޙަޤީޤަތް އޮޅޭ ގޮތަށް މަޢުލޫމާތު ހާމަނުކުރުމަށް
އިލްތިމާސްކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް