ދީނީ ޢިލްމުވެރިންގެ މުހިންމުކަމާއި އަދި އެބޭކަލުންގެ މާތްކަން ހަމަ ނޭންގެނީ ތޯއެވެ.؟

ފަހަކަށް އައިސް ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށް މީސް މީޑިއާ މެދުވެރިކޮންނާއި އެހެނިހެން ގޮތް ގޮތުން ވަރަށް ދަށު ދަރަޖައިގެ ބަސްތަށް ރައްދުކުރަމުން އަންނަ މަންޒަރު ދަނީ ފެންނަމުންނެވެ. އެގޮތު...

20 Nov 2020 | 17:03

ފަހަކަށް އައިސް ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށް މީސް މީޑިއާ މެދުވެރިކޮންނާއި އެހެނިހެން ގޮތް ގޮތުން ވަރަށް ދަށު ދަރަޖައިގެ ބަސްތަށް ރައްދުކުރަމުން އަންނަ މަންޒަރު ދަނީ ފެންނަމުންނެވެ. އެގޮތުން ޢިލްމުވެރިންގެ އަގު ވައްޓާލުމަށްޓަކައި ޢިލްމުވެރިންގެ ސިފަޖައްސާ އެކިވައްތަރުގެ ކާޓޫންތައް ވެސް ކުރަހާ ސޯޝަަލް މީޑިއާގައި އާންމުކުރި މައްޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ. މިއީ ކޮންމެ ބަޔަކު ކުރިޔަސް ވަރަށް ދެރަ އަދި ހިތާމަހުރި ކަންކަމެވެ.

ޢިލްމުވެރިންނަކީ ރަސޫލްނާއި ނަބިއްޔުންގެ ވާރުތަވެރިންގެ ގޮތުގައި ޢިލްމުވެރިން ސިފަކޮށްފައިވާއިރު، ޢިލްމުވެރިންނަކީ އަޅުގަނޑުމެންނަށް ހެޔޮ މަގު ދެއްކެވުމަށްޓަކައި ބުރަ މަސައްކަތް ތަކެއް ރެއާއި ދުވާލު ކެނޑިނޭޅި ކުރަމުން އަންނަ ބައެކެވެ. އެފަދަ ބަޔަކާއި ދިމާއަށް ބޭނުންހައި ހަޑި ހުތުރު އެއްޗެއް ގޮވާ ހެދުމަކީ އަޅުގަނޑުމެން މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

ދީނީ ޢިލްމުވެރިންނަކީ ﷲގެ ދީނުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ފޯރުކޮށްދޭ ފަރާތްތަކެވެ. އެބައިމީހުންނަކީ ދީން އުނގެނި އެހެން މީސްތަކުންނަށް ޙައްޤު މަގު ބަޔާންކޮށްދޭ މީހުންނެވެ. އެބައިމީހުންނަކީ ތެދުމަގާއި ބާޠިލުގެ މަގު ބަޔާންކޮށްދޭ މީސްތަކުންނެވެ. އެބައިމީހުންނަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ގޮތް ދަސްކޮށްދެއްވާ މުދައްރިސުންނެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ނަފުސުތަކާ އެއްވަރަށް އެހެންމީހުންގެ ނަފުސުތައްވެސް އިޞްލާޙުކުރުމަށް މަސައްކަތްކުރައްވާ އެދުރުންނެވެ.

އެބައިމީހުން މަސައްކަތްކުރައްވަނީ މީސްތަކުންގެ ކިބައިން އަޖުރަަކަށް މުސާރައަކަށް ބޭނުންވެގެންނެއް ނޫނެވެ. އަދި ކިއެއްތަ އެބައިމީހުން މަސައްކަތްކުރައްވަނީ މީސްތަކުންނަކީ ކާމިޔާބު ނަޖާވާ ބަޔަކަށް ހަދައި އެކަމުން ﷲގެ ފަރާތުން ލިބޭ އަޖުރު ހޯދުމަށެވެ. އެެހެންކަމުން އެބައިމީހުންގެ މުހިންމުކަން ދެނެގަތުމަކީ އަޅުގަނޑުމެންގެ މައްޗަށްވާ ވާޖިބެކެވެ.

ތިރީގައި މިވަނީ ޢިލްމުވެރިންގެ މާތްކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ބައެއް ނައްޞުތަކެވެ.

މަލާއިކަތް ބޭކަލުންނަށްފަހު ﷲގެ އެއްކައުވަންތަ ކަމަށްފަހު އެންމެބޮޑަށް ހެކިވާ ބަޔަކީ ޢިލްމުގެ އަހުލުވެރިންކަމުގައި ﷲ ބަސްފުޅުވަޙީކުރައްވާފައިވެއެވެ. (شَهِدَ اللَّـهُ أَنَّهُ لَا إِلَـٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ) (1)

މާނައީ: "ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހު ފިޔަވައި ޙައްޤުގޮތުގައި އަޅުކަމެއްވެވޭ އެހެން އިލާހެއްނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި މަލާއިކަތްބޭކަލުންނާއި އަދި ޢިލްމުގެ އަހުލުވެރިންވެސް މެއެވެ"

މިއާޔަތް އެކަނިވެސް ޢިލްމުވެރިންގެ މާތްކަމަށް ފުދެއެވެ.

ﷲގެ އަޅުތަކުންގެ ތެރެއިން އެއިލާހަށް އެންމެ ބިރުވެތިވާ ބަޔަކީ ޢިލްމުވެރިންކަމުގައި ﷲ ބަސްވަޙީކުރައްވާފައިވެއެވެ. (إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ) (2)

މާނައީ: "ހަމަކަށަވަރުން ﷲގެ އަޅުތަކުންގެ ތެރެއިން ޢިލްމުވެރިން މެނުވީ އެއިލާހަށް (ބިރުވެތިވާން ޖެހޭ ޙައްޤުގޮތުގައި) ބިރުވެތި ނުވެއެވެ."

ސަބަބަކީ އެބައިމީހުންނަށް ލިބިފައިވާ ޢިލްމުގެ ސަބަބުން އެއިލާހަށް ޙައްޤު ގޮތުގައި ބިރުވެތިވާ ބަޔެއްކަމުގައި އެބައިމީހުން ވުމެވެ. އަދި ޙައްޤުގޮތުގައި ބިރުވެތިވާ މީސްތަކުންވާހުށީ ޢިލްމުވެރީންގެ ތެރޭގައެވެ. އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ޢިލްމަކީ ރިވާޔަތްތަށް ގިނަވުމެއްނޫނެވެ. ނަމަވެސް އެއީ ބިރުވެތިވުން ގިނަވުމެވެ."

ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރީންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(إِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ، كَفَضْلِ الْقَمَرِ لَيْلَةَ الْبَدْرِ عَلَى سَائِرِ الْكَوَاكِبِ، وَإِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ، وَإِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا، وَلَا دِرْهَمًا وَرَّثُوا الْعِلْمَ، فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ) (3)

މާނައީ: "އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާގެ މާތްކަންވާހުށީ، ސާދަވިލޭރެ ހަނދު އެރޭގެ އެހެނިހެން ތަރިތަކުގެ މައްޗަށް މަތިވެރިވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. އަދި ނަބީބޭކަލުން ދީނާރާއި ދިރުހަމެއް (ފައިސާއެއް) ވާރުތަމުދަލުގެ ގޮތުގައި ދޫނުކުރެއެވެ.. އެބޭކަލުން ދޫކުރެއްވީ ޢިލްމެވެ. ފަހެ އެ ނަގައިފިމީހަކު ބޮޑުވެގެންވާ ނަޞީބެއް ފުރިހަމައަށް ލިބިގެންފިއެވެ."

"ޢިލްމުވެރިންގެ މާތްކަން އެތައް ގުނައަކަށް މަތިވެރިވެގެންވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(فَضْلُ الْعَالِمِ عَلَى الْعَابِدِ كَفَضْلِي عَلَى أَدْنَاكُمْ) (4)

މާނައީ: "ޢިލްމުވެރިޔާގެ މާތްކަން އަޅުވެރިޔާގެ މައްޗަށް ހުރީ ތިމަން ނަބިއްޔާގެ މާތްކަން ތިޔަބައިމީހުންގެ(ޞަޙާބީ ބޭކަލުންގެ) އެންމެ ދަށްމީހާގެ މައްޗަށް ހުރިފަދައިންނެވެ."

ސަބަބެއްކަމުގައި ޢިލްމުވެރިން ބަޔާންކުރައްވަނީ ޢިލްމުވެރިޔާގެ ސަބަބުން އެތައްބަޔަކު އިޞްލާހުވެއެވެ. ނަމަވެސް އަޅުވެރިޔާގެ އިޞްލާޙުވަނީ އޭނާގެ ނަފުސަށް އެކަންޏެވެ.

އަދިވެސް އެތައް ރިވާޔަތްތަކެއްގައި ޢިލްމުވެރިންގެ މާތްކަން ބަޔާންވެފައިވެއެވެ. އަދި މިކަމުން ޢިލްމުވެރިންގެ މުހިންމުކަން އެނގިގެން ދެއެވެ. އެހެން ކަމުން މިފަދަ ބައެއްގެ އަގުވައްޓާލާ އެފަރާތްތަކަށް ބަދުބަސް ރައްދުކޮށް ހެދުމަކީ އެއްގޮތަކަށްވެސް ކުރުން ހެޔޮވާވަރުގެ ކަމެއްނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް