އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުގައި، ޖޯޖިއާ ސްޓޭޓް ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ކެނޑިޑޭޓް ޖޯ ބައިޑަން ކަމަށް އެ ސްޓޭޓުން އިއުލާންކޮށްފި އެވެ.
ޖޯޖިއާގެ ސެކްރެޓްރީ އޮފް ސްޓޭޓްގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ޓްރަމްޕްގެ މައްޗަށް ބައިޑެން ކުރި ހޯއްދެވީ 12،284 ވޯޓުގެ ތަފާތުން ކަމަށެވެ. އަދި އެ ސްޓޭޓުގެ ނަތީޖާ ކަށަވަރުކޮށްފައި ވަނީ ހުރިހާ ވޯޓުތަކެއް ވަކިވަކިން އަތުން ގުނުމަށް ފަހުގައި ކަމަށެވެ.
މިއީ ބިލް ކްލިންޓަނަށް ފަހު ޑިމޮކްރެޓިިކް ޕާޓީގެ ކެނޑިޑޭޓަކު އެ ސްޓޭޓް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ޖޯޖިއާގެ ވޯޓުތައް އަލުން ގުނަން ނިންމީ ވޯޓުގެ ނަތީޖާގެ ފަރަގު ކުޑަވުމުން ނެވެ.
އެ ސްޓޭޓުގެ ގާނޫނު ބުނާ ގޮތުން ވޯޓު ކާމިޔާބުކުރީ %0.5 ތަފާތުން ކަމުގައި ވަނީ ނަމަ، ވޯޓުތައް އަލުން ގުނަން ޖެހެއެވެ. އެހެންކަމުން އެ ސްޓޭޓުގެ ވޯޓު އަލުން ޖެހުނީ ބައިޑަން އެ ސްޓޭޓް ކާމިޔާބު ކުރައްވާފައި ވަނީ %0.2 ގެ ތަފާތަކުން ކުރި ހޯއްދަވައިގެން ކަމަށްވާތީ އެވެ.
ވޯޓުގެ ނަތީޖާ އަލުން ގުނުމުން ބައިޑަންއަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދުތައް ވަނީ ކޮންމެވެސް ވަރަކަށް މަދުވެފަ އެވެ. ނަމަވެސް، އިންތިޚާބީ އޮފިޝަލުން ވަނީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައި ނުވާކަން ކަށަވަރުކޮށްދީފަ އެވެ.
އިންތިޚާބުގައި ބޮޑެތި އޮޅުވާޅުންތަކެއް ހިނގާފައިވާ ކަމަށް ތުހުމަތު ކުރައްވާ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވަމުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވާ އިރު، ޓްރަމްޕްގެ މި ވާހަކަތައް، އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ބައެއް އިސް ފަރާތްތަކުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
"އެސޯސިއޭޓަޑް ޕްރެސް" އިން ރިޕޯޓްކުރާ ގޮތުގައި، ޖޯޖިއާގައި ބައިޑަން ހޯއްދެވި ކާމިޔާބީއާއެކު އޭނާއަށް ލިބިވަޑައިގެންނެވި އިލެކްޓޯރަލް ވޯޓުގެ އަދަދަކީ 306 އެވެ. އަދި ޓްރަމްޕަށް ކާމިޔާބު ކުރެވުނީ 232 އިލެކްޓޯރަލް ވޯޓެވެ.
2016 ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕަށް 306 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވިއިރު، ހިލަރީ ކްލިންޓަނަށް ލިބިވަޑައިގަތީ 232 ވޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް