އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 9 މިލިއަނަށް އަރައިފި

އަލަށް ޕޮޒިޓިވްވި ސާޅީސްފަސްހާހަށް ވުރެ ގިނަ ކޮވިޑް ކޭސް އާއެކު، އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު، 9 މިލިއަންގެ ފާހަގަ ހުރަސް ކޮށްފި އެވެ. އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތައް ދަ...

20 Nov 2020 | 13:56

އަލަށް ޕޮޒިޓިވްވި ސާޅީސްފަސްހާހަށް ވުރެ ގިނަ ކޮވިޑް ކޭސް އާއެކު، އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު، 9 މިލިއަންގެ ފާހަގަ ހުރަސް ކޮށްފި އެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތައް ދައްކާ ގޮތުން، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ކޮވިޑް-19 ޖެހިގެން 584 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެ ގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ އެއްލައްކަ ބައްތިރީސްހާހަށް އަރާފަ އެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެވަރޭޖު ގޮތެއްގައި ދަށް ވަމުން ދިޔަ ނަމަވެސް، ވެރިރަށް ނިއުދިއްލީގެ ހާލަތު މާ ރަނގަޅު ނޫން ކަމަށް ޚަބަރުތައް އަންނަނީ ބުނަމުން ނެވެ.

ނިއުދިއްލީއިން ވަނީ އާންމު ތަންތަނުގައި މާސްކު ނާޅާ އަޅާ އުޅޭ ފަރާތްތައް 2000 ރުޕީޒް ނުވަތަ 27 ޑޮލަރުން ޖޫރިމަނާ ކުރަން ފަށާފަ އެވެ.

އިންޑިއާއަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ދުނިޔެ ކުރިމަތިލިއިރު، އެންމެ ފުރަތަމަ ލޮކްޑައުން ކުރި ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ.

އެކަމަކު އިގުތިސޯދަށް ކުރިމަތިވި ހީނަރުކަމާއެކު އިންޑިއާއިން ވަނީ ހަރުކަށި ލޮކްޑައުންގެ އަމުރުތަކަށް ލުއި ދީފަ އެވެ. މާސްކު އެޅުން ފަދަ ކަންކަން މަޖުބޫރު ކޮށްފައި އޮތް ނަމަވެސް، އެކަމަށް އިހުތިރާމް ކުރާ މީހުންގެ އަދަދު މަދުވުމުގެ ނަތީޖާއެއްގެ ގޮތުން، އެ ގައުމުގައި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް މިހާރުވެސް ދަނީ ހުރަސްތަކާ ކުރިމަތިވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް