ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން މިއަދު ފަށައިފި

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން މިއަދު ފަށައިފި އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ވަނަ 19 ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭ...

20 Nov 2020 | 12:50

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން މިއަދު ފަށައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ވަނަ 19 ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުޑަކުދިން ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުމާއި ކުއްޖާ ކުރާ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެ ކުއްޖާ ޖަވާބުދާރީވާން ބާރުއެޅުން ހިމެނެ އެވެ.

އަދުލުގެ ގާނޫނުގެ ބުނާ ގޮތުން ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރެވެ.

ގާނޫނުލް އުގޫބާތު ވުޖޫދަށް އައި އިރު، ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމަށް ބަލަން ފެށި އެވެ. އޭގެ ކުރިން، 2006 ވަނަ އަހަރު އެކުލަވައިލި ގަވާއިދެއްގައި ބުނާ ގޮތުން، 10-15 އާ ދެމެދުގެ އުމުރުގައި ކުށުގެ ޒިންމާ ފަސް ބާވަތެއްގެ ކުށެއްގައި އުފުލަން ޖެހެ އެވެ.

އަދުލުގެ ގާނޫނު ބުނާގޮތުން، އެ ގާނޫނުގެ ދަށުން، ގާނޫނާ ހިލާފުވާ ކުޑައްކުއްޖަކާ މެދު ފިޔަވަޅު އަޅާއިރު އެ ކުއްޖަކު ހައްޔަރުކުރަންވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެކުއްޖަކު ހައްޔަރުކޮށް ބަންދުގައި ބެހެއްޓޭނީ ވަކި މުއްދަތަކަށެވެ.

މިއަދު އަދުލުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން "ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަން ޖެހެ އެވެ. އެ އިދާރާ އުފައްދަން ޖެހޭ ކަމަށް އަދުލުގެ ގާނޫނުގަައި ވަނީ ބުނެފަ އެވެ. އެ އިދާރާގެ ބޭނުމަކީ، ކުށުގެ ވެއްޓަށް ހުށެހެޅޭ ކުދިން މުޖުތަމައަށް އަނބުރާ ހެޔޮ ބައެއްގެ ގޮތުގައިި ގެނައުމެވެ. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހިންގާނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އިދާރާ މިއަދު ވަނީ ހުޅުވައިފަ އެވެ. ދިވެހިރާއްޖޭގެ ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ހިނގާ ކުޑަކުދިންގެ ޝަރީއަތްތައް އެ ކޯޓުތަކުގައި ހިންގަންވާނީ ބޮޑެތި މީހުންނާ ވަކިން ކަމަށް އަދުލުގެ ގާނޫނުގައި ބުނެ އެވެ. އަދި ޖުވެނައިލް ޖަސްޓިސްގައި ފަނޑިޔާރުންނަކީ ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން އަދި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭގޮތުން ހާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުންނަށް ވާން ޖެހެ އެވެ.

ފަނޑިޔާރުންނަށް އެ ތަމްރީނުތަށް ކުޑަކުދިންގެ އަދުލުގެ ނިޒާމަށް އަމަލުކުރަން ފަށާތާ އެއް އަހަރު ތެރޭ ފޯރުކޮށްދޭން ޖެހެ އެވެ. ހަމައެއާއެކު، ޖުވެނަލް ކޯޓުގެ ސަރަހައްދީ ގޮފިތައް، ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ގާއިމްކުރަން ޖެހެ އެވެ. އަދި މައްސަލައެއްގައި ފުުލުހުންގެ މަރުކަޒަކަށް ގެންދާ ކުޑަކުއްޖަކާ ސުވާލުކުރެވޭނީ ގިނަ ވެގެން ދެ ގަޑިއިރަށްވުރެ އިތުރުނުވާ ގޮތަށް ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނެ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާގޮތުން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށްޓަކައި ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ގާއިމްކުރަންޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް