މާމަގެ ފައްޓަރު ބަޔަކީ އަގުހުރި އެއްޗެއް ކަމަށާއި އެކަމަކު ރާއްޖެ އާއި ޗައިނާގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ އަގު ފައްޓަރުބަޔަށް ވުރެ ބޮޑު ވާނެ ކަމަށް ، ޗައިނާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޒޯންގް ވިދާޅުވެއްޖެ އެވެ.
ލިޒޯންގް އެހެން ވިދާޅުވެ މިއަދު ޓުވީޓު ކުރެއްވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަ އެވެ. ނަޝީދުގެ މީގެ ދެ ދުވަސް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗައިނާއަށް ދައްކަން ޖެހޭ ދަރަނި މާމަގެ ފައްޓަރުބައި ވިއްކާލައިގެން ވެސް ނުދެއްކޭނެ ކަމަށެވެ. އަދި ބަޖެޓުގެ ބޮޑު ބައެއް ހޭދަވަނީ ޗައިނާއިން ނަގާފައިވާ ދަރަނި އަދާކުރަން ކަމަށެވެ. އިތުރަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ރާއްޖެއަށް އިގްތިސޯދީ ކާރިސާއެއް ދިމާވެފައިވާއިރު ވެސް ޗައިނާއިން ލޯނުތަށް ރީސްޓްރަކްޗާ ނުކޮށްދިން ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް ވެސް ވަނީ އެދިފަ އެވެ.
އެ ވާހަކަތަށް ރައްދު ދެއްވާ ލިޒޯންގް އިތުރަށް ވިދާޅުވ،ީ މާމަގެ ފައްޓަރުބަޔަކީ އަގުބޮނޑު އެއްޗެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެކަމަކު ފައްޓަރުބަޔަށް ވުރެ ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިވާނެ ކަމަށާއި އެ ގުޅުމުގެ އަގުވެސް ފައްޓަރުބަޔަށްވުރެ ބޮޑުވާނެ ކަމަށެވެ.
ޗައިނާއިިން ނަގާފައިވާ ލޯނުތަށް ރީސްޓްރަކްޗާ ނުކޮށްދެއްވާ ކަމަށް ނަޝީދު ވިދާޅުވިޔަސް ޗައިނާ ސަރުކާރުން ވަނީ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަތަރު އަހަރަށް ހަދައި، ބައެއް ލޯނުތަކުގެ އިންޓްރެސްޓު ކުޑަކޮށްދީފަ އެވެ. އޭގެ ތެރޭގައި ސަރުކާރުން ސަރުކާރަށް ނަގާފައިވާ ލޯނުތަކާއި ވިޔަފާރިތަކަށް ހާއްސަކޮށްގެން ޗައިނާއިން ނަގާފައިވާ ލޯނުތަށް ވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް