ކުޅުދުއްފުށި ސިޓީގެ ކޮވިޑު ކޭސްތަކާއި ގުޅިގެން ހާއްސަ ޓާސްކްފޯހެއް މިއަދު އެކުލަވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެޗްއީއޯސީން މައުލޫމާތުދެއްވަމުން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ކޮވިޑު ފެތުރޭތީ އެޗްއީއޯސީގެ ހާއްސަ ޓީމަކުން އެކަމާބެހޭ ކަންކަން ބެއްލެވުމަށް ރައީސް ސޯލިހް ނިންމެވުމާއި ގުޅިގެން އެކަމުގެ އަމަލީ މަސައްކަތް ނައިބުރައީސް ފައިސަލްނަސީމް މިއަދު ފައްޓަވާފައިވާކަމަށެވެ. އެގޮތުން ޓީމު އެކުލަވާލައި ޓީމުގެ ފުރަތަމަ ބައްދަލުވުން މިއަދު ކުރިއަށްގެންގޮސްފައިވާކަމަށް އެޗްއީއޯސީން ބުނެއެވެ.
ހާއްސަ ޓީމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާއިރު ކުޅުދުއްފުށި ސިޓީގައި މުހިންމު ކަންތައްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކަށް މަސައްކަތް ރޭއްވެވުމަށް މިއަދު ނައިބުރައީސް ވިދާޅުވިކަމުގައި އެޗްއީއޯސީން ބުނެއެވެ.
"ކުޅުދުއްފުށި ސިޓީއަކީ 70 ހާސް މީހުންގެ އާބާދީއަކަށް ކޭޓަރ ކުރާ އެ ސަރަހައްދުގެ އިގްތިސާދީ ހަބަށް ވާއިރު ކަންކަން އެކަށައެޅުއްވުމުގައި އިގްތިސާދީގޮތުން އަދި އިޖްތިމާއީ ގޮތުންވެސް މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމްކުރައްވާ، މިކަންކަން ކުރައްވާއިރު ހަނދާނުގައި ބަހައްޓަވާތި ދިވެހި ދައުލަތަށް އެންމެ މުހިންމީ ކޮންމެ ރައްޔިތެއްގެވެސް ސިއްހަތުކަން" ނައިބުރައީސް ވިދާޅުވިއެވެ.
އެޗްއީއޯސީން ބުނެފައިވާގޮތުގައި މިހާރުގެ ހާލަތަށް ބަލައި އެކި އިދާރާތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި ބޭސްފަރުވާއަށް އެއްވެސް ދަތިކަމެއް ނައިސް ކުރިއަށްގެންދެވޭނެ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޖާބަދެއްވާނެކަމަށް އިދާރާތަކުން ބުނެފައިވެއެވެ. އަދި އެއްވެސް ރައްޔިތަކު ކަންބޮޑުވެވަޑައިނުގަތުމަށާއި މިކަމުގައި ސިއްހީ މާހިރުންނާއިހުރިހާ އިދާރާތަކެއް ގުޅިގެން އަޅަންވާ ފިޔަވަޅުތައް ދުރާލާ އެޅި އިތުރަށް ފެތުރުނަ ނުދިނުމަށް މިހާރުވެސް ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާނެކަމުގެ ޔަގީންކަން ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުންނާއި އިދާރާތަކުން ވަނީ ދީފައިކަމުގައިވެސް އެޗްއީއޯސީން ބުނެއެވެ.
މިއަދުގެ އެ ބައްދަލުވުމުގައި އެ ސިޓީގެ ކައުންސިލްގެ ފަރާތުން ބައިވެރިވެ، މިހާރު ކަންކުރައްވަމުންގެންދަވާގޮތުގެ ތަފްސީލު ދެއްވި ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށި ސިޓީ ތަމްސީލުކުރައްވާ ދެ މެމްބަރުންނާއި ސިޓީ ކައުންސިލްގެ ރައީސާއި ހޮސްޕިޓަލުންވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވިކަމަށް އެޗްއީއޯސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް