ރާއްޖޭގައި މިހާތަނަށް ހިނގި ޚިޔާނާތުގެ އެންމެބޮޑު މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ ބައިވެރިވުން އޮތް ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
އާޒިމާ މިހެން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާގެ މިއަދުގެ އަޑުއެހުމުގަ އެވެ.
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމަށް ބޮޑެތި ތުހުމަތުތަކެއް، އާޒިމާ ކުރައްވާފައިވާ އިރު، ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިން މެދުވެރި ވެގެން ހިންގާފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގިއިރު ރައީސް އޮފީހުގެ ލީގަލް އެފެއަރޒްގެ އެންމެ އިސް މީހަކަށް ހުންނެވީ ބިޝާމް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތް ބޮއްސުންލާފައިވަނީ އޮޑިޓް ރިޕޯޓަށް އަމަލުނުކުރުމުން ކަމަށް މިހާރުގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި އޮޑިޓު ރިޕޯޓުން އެނގެން އޮންނަ ކަމަށް އާޒިމާ ވިދާޅުވި އިރު، އެ މަގާމުގައި ހުންނަވައިގެން ބިޝާމް ޚިޔާނާތާ ގުޅޭ އޮޑިޓް ރިޕޯޓަށް އަމަލުނުކުރައްވާ ކަމަށް ވެސް އާޒިމާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ދައުލަތުގެ ވަޒީފާ އަކަށް އޭނާ ވަޑައިގެންނެވީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި އަދި ރިޔާސީ ލޯންޗްކޮޅު ގޮވައި މިހުރިހާ ކަމެއް ނިމުނު ފަހުން ކަމަށާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން ނިންމި ސިޔާސީ ބޮޑެތި ނިންމުންތަކުގައި ބިޝާމްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރައްވާ އާޒިމާ ވަނީ އޭނާގެ މައްސަލަ ބިޝާމަށް ބެލޭނެ އެއްވެސް ހަމައެއް ނެތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށްވެސް ތަކުރާރުކޮށް މިއަދުގެ އަޑުއެހުމުގައި އާޒިމާ ވިދާޅި ނަމަވެސް ދައުލަތުން ބުނީ މިއީ ބިޝާމްގެ މަސްލަހަތު އޮތް މައްސަލައެއް ނޫން ކަމަށެވެ. އަދި އާޒިމާ ދައްކާ ވާހަކަތަކުގައި އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔުމާ މެދު ދެން އަންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެކަން އިއުލާން ކުރަމުންނެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 9 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް