ޒުވާނުންނަކީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒު: ނައިބު ރައީސް

ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީ، ޒުވާނުންނަކީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒުކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހ...

20 Oct 2020 | 09:31

ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީ، ޒުވާނުންނަކީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒުކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ)ގެ ގަގާން ކުލިނިކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ޚިދުމަތްތައް ރަސްމީގޮތުން ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން ނެވެ.

މުޖުތަމަޢަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކޮށް، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ދުރުހެލިކުރުމަށް ތަފާތު ފަރުވާތައް ތަޢާރަފުކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް، މި މަސައްކަތްތަކުގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ފުރިހަމަ އެއްބާރުލުމާއި ވެސް އެކުގައި ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކޮންމެ މީހަކު ވެސް، އެ ވަބާއިން ސަލާމަތްވެ، މުޖުތަމަޢަށް އަލުން އެނބުރި ރުޖޫޢަވާން ޢަޒުމް ކަނޑައެޅުމަށް ވަނީ ގޮވައިލައްވާފައެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށާއި، ޢާއިލާތަކާއި މުޖުތަމަޢުގެ ތެރެއިން ވެސް އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގަންނަވާފައެވެ.

ގަގަން ކުލިނިކުގައި މިއަދު ފެށި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ޚިދުމަތްތަކުގެ ބޭނުމަކީ، އެން.ޑީ.އޭ.ގެ ބެލުމުގެ ދަށުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާހޯދަމުންދާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، އެ ކަމަށް ބޭނުންވާ ފަރުވާގެ ޚިދުމަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް