ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން މެދުވެރިވިކަމަށާއި، ނަމަވެސް އެފަދަ ޖަމިއްޔާއަކާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެދިވަޑައިގެންނެވި ނަމަވެސް، އަމީންގެ ހުށަހެޅުން ބަލައިނުގަނެ އާންމުކޮށް ހުޅުވާލައިގެން ކޮމިޓީ ކުރިއަށް ގެންގޮސްފި އެވެ.
ސުލޫކީ ކޮމިޓީގެ ސަބް ކޮމިޓީއަށް މިނިސްޓަރު އަމީން ހާޒިރުކޮށްފައިވަނީ ވެންޓިލޭޓަރުގެ މައްސަލާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އެ ވެންޓިލޭޓަރުތައް ގަންނަން ހަވާލުކޮށްފައިވަނީ ޑަބްލިޔުއެޗްއޯއިން ރެކަމެންޑް ކުރި ކުންފުންޏެއްކަމަށް އަމީން ވިދާޅުވެފައިވީ ނަމަވެސް، އޮޑިޓް ރިޕޯޓުގައި އެއީ އެކަން ހިނގިގޮތް ނޫންކަމަށް ބަޔާންކޮށްފައިވާތީ، މަޖިލީހަށް އިތުރުފުޅު ހެއްދެވިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި އަމީން ހާޒިރުކުރުމުން ވިދާޅުވީ، މީގެ ކުރިން ވެންޓިލޭޓަރާ ގުޅޭ ހުރިހާ ކަމެއްގެ ތަފްސީލު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހިއްސާކުރެވިފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ، ވީހާވެސް އަވަހަކަށް ރާއްޖެއަށް ވެންޓިލޭޓަރުތަށް ބޭނުންވާތީ ރާއްޖޭގައި ހުންނަވާ ޑަބްލިޔުއެޗްއޯގެ މަންދޫބާއެކު އެކަމުގެ މަޝްވަރާތަށް ކުރި ކަމަށެވެ. އަދި މަންދޫބާއާއެކު ކުރެވުނު މަޝްވަރާގެ މުއާމަލާތްތަކަކީ ރަސްމީ މުއާމަލާތްތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެކަމުގެ ލިޔެކިއުންތައް ހުރިކަމަށް މިއަދުގެ ކޮމިޓީގައި އަމީން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އަމީން ވިދާޅުވީ ޑަބްލިޔުއެޗްއޯގެ މަންދޫބާއެކު ކުރެވުނު މަޝްވަރާތަކުގެ ތަފްސީލު އޭސީސާއަށް ހިއްސާ ކުރެވިފައިވާނެ ކަމަށާއި، އަދި އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގެ ސަބް ކޮމިޓީއަށް ވެސް އެ ތަފްސީލުތަށް ހިއްސާ ކުރައްވަން ހުންނެވީ ތައްޔާރަށް ކަމަށެވެ. އެކަމަކު އަމީން ވިދާޅުވީ ހުޅުވާލެވިގެން ކުރިއަށް ގެންދާ ކޮމިޓީއެއްގައި ޑަބްލިޔުއެޗްއޯ ފަދަ ޖަމިއްޔާއަކާބެހޭ ގޮތުން ވާހަކަ ނުދެއްކެވޭނެ ކަމަށެވެ.
ނަމަވެސް ކޮމިޓީގެ މެންބަރުން ނިންމީ ކޮމިޓީ ސިއްރުނުކޮށް، ހުޅުވާލެވިފައިވާ ބައްދަލުވުމެއްގައި ދެއްކެވޭ މިންވަރަށް އަމީން މައުލޫމާތު ހާމަ ކުރެއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް