ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތައް ފަރުމާކުރުމަށް، މިނިސްޓްރީ އޮފް އެންވަރަޔަރަންމަންޓާއި މޯލްޑިވްސް އިންސްޓިޓިޔުޓް އޮފް ޓެކްނޮލޮޖީ(އެމް.އައި.ޓީ) އާއި މެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި އެމް.އައި.ޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ޙަލީމް އެވެ.
މިއީ ފެނާއި ނަރުދަމާގެ ދާއިރާއިން ލެވަލް 3 އަދި 4 ގެ ސެޓްފިކެޓް ކޯހަށް ބޭނުންވާ ސްޓެންޑަޑް އަދި ކޯސް މެޓީރިއަލް ތައްޔާރުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން، ތައްޔާރުކުރުމަށް ރޭވިފައިވާ ފެނާއި ނަރުދަމާގެ ދާއިރާގެ ކޯސްތަކަކީ؛ ޕްލަމިންގ، ސްވަރޭޖް ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް، ވޯޓަރ ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް އަދި ފެން ޓެސްޓްކުރާ ލެބޯޓްރީ ޓެކްނީޝަންސް އެވެ.
މި މަސައްކަތް ކުރިއަށްދާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަނަޓާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް) އާއި ގުޅިގެންނެވެ.
މިކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކާއި އެއްގޮތަށް ފަރުމާކުރެވޭ ކޯސްތަކެއްކަމަށްވުމުން، މިއީ މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް ލިބޭ ފުރުސަތަކަށް ވެގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ކޯސްތަކުގެ ސްޓޭންޑަރޑް އެކުލަވާލައި، ކޯސް މެޓީރިއަލްއަސް ތައްޔާރުކުރެވިގެން ދާނެއެވެ. އަދި މި ކޯސްތައް އެކުލަވާލުމަށްފަހު، ފެނާއި ނަރުދަމާގެ ޔޫޓިލިޓީ ޚިދުމަތްދޭ ރަށްތަކަށް މަތީގައި ދެންނެވިފައިވާ ފެނާއި ނަރުދަމާގެ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް