ތަފާސް ހިސާބަކީ ސިޔާސީ މީހުންނަށް ވަރަށް މުހިންމު އެއްޗެއް: ނަޝީދު

ތަފާސް ހިސާބަކީ ސިޔާސީ މީހުންނަށް ވަރަށް މުހިންމު އެއްޗެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ ތަފާސް ހިސާބު ދުވަހާ ގުޅިގެން އޮންލައިންކޮށް ބޭއްވި...

20 Oct 2020 | 07:35

ތަފާސް ހިސާބަކީ ސިޔާސީ މީހުންނަށް ވަރަށް މުހިންމު އެއްޗެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތަފާސް ހިސާބު ދުވަހާ ގުޅިގެން އޮންލައިންކޮށް ބޭއްވި ޖަލްސާ ޝަރަފުވެރި ކުރައްވާ ނަޝީދު ވިދާޅުވީ، ކުރާ ކޮންމެ ކަމަކުން ނުކުމެދާނެ ނަތީޖާ އަންދާޒާ ކުރުމަށް ފަހު ކުރުން މުހިންމު ކަމަށާއި ހަ ކުޅިއަށް ކުޅެވޭނީ ތަފާސް ހިސާބު ބަލައިގެން ކަމަށެވެ. އަދި ވިދާޅުވީ، އެމެރިކާގައި އިންތިހާބަށް ފަހު ފޭސްބުކުން ޑާޓާ އެނަލައިޒްކޮށް، ހައިޖާނު އުފައްދާ ވަކިވަކިން ވޯޓު ހޯދި ކަމަށާއި އެ ހުރިހާ ކަމެއް ބިނާކުރީ ތަފާސް ހިސާބުތަކަށް ބަލައިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ތަފާތު ހިސާބުތަކާ ގުޅުން ހުރި ބިލެއް ހުށަހަޅާފަ އެވެ. އެކަމަކު އެ ބިލް އޮތީ ކޮމިޓީ މަރުހަލާގަ އެވެ. އެކަމަށް އިޝާރަތްކުރައްވާ ނަޝީދު ވިދާޅުވީ، އާއްމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ދަށުން ހިމެނޭ ތަފާސް ހިސާބު އެކުލަވާލުމުގެ ގަވާއިދަށް ގާނޫނީ ބާރު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ތަފާސް ހިސާބުގެ ގައުމީ ނިޒާމެއް އެކުލަވާލައި އާއްމުކޮށް ބޭނުންކުރުމަށް މިނިވަން މުއައްސަސާއެއް އުފެއްދުމުގެ މަސައްކަތް މާބޮޑަށް ވެސް ލަސްވެފައިވާ ކަމަށާއި އެ މަސައްކަތް އޮންނަން ވާނީ ގާނޫނުއަސާސީއާ އެކު ނިމިފައި ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ތަފާސް ހިސާބުތަކާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ތަފާސް ހިސާބަކީ، ރާއްޖެ ރައްޔިތުން އޭގެ މައްޗަށް ވަރަށް ބޮޑަށް ބިނާވެފައިވާ އެއްޗެއް ކަމަށެވެ. އަދި ރާއްޖޭގައި ތަފާސް ހިސާބު އެއްކުރަމުންދާތާ ވަރަށް ގިނަ އަހަރު ވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން މިނުމާއި އިންއެޅުމާއި ހިސާބު ޖެހުމުގެ މަސައްކަތް ރާއްޖޭގައި ވަރަށް ކުރީއްސުރެން ހިނގާ ކަމަށާއި 1800 ގެ އަހަރުތަކުން ފަށައިގެން ވިޔަފަރީގެ ހިސާބު ބަލަހައްޓަމުން އައިކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް