ވެންޓިލޭޓަރު މައްސަލަ އަލުން އޭސީސީއިން ބަލަނީ

ކޮވިޑް-19 އިގެ ބަލި މީހުގެ ތެރެއިން ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލް...

20 Oct 2020 | 07:14

ކޮވިޑް-19 އިގެ ބަލި މީހުގެ ތެރެއިން ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުއާއެކު އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކަކަށް ދައުވާ ނުކުރަން ނިންމައި ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވާ ކަންކަން އަލުން ތަހުގީގު ކުރާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީ އިން ހެލްތުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް ޖުމްލަ 11 މީހުންނަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް މިއަދު ޕީޖީ އޮފީހުން އެ11 ބޭފުޅުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހާވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާ ކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރަން ނިންމައި، އިއްޔެ އެ މައްސަލަ ފޮނުވާލާފައިވާ ކަމަށެވެ. އަދި އެއީ އެ މައްސަލަ ސާބިތު ކުރެވޭހާ ހެއްކާއި ގަރާނީ ނެތިގެންނެވެ.

އޭސީސީއިން މިހާރު ނިންމާފައިވަނީ ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވާ މައްސަލަތަށް އަލުން ދިރާސާ ކުރުމަށް ފުލުހުންނާއި ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދިޔުމަށެވެ.

ވެންޓިލޭޓަރު މައްސަލަ ޕީޖީ އޮފީހުން އަނބުރާ ފޮނުވާލުމުން، ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ އޭސީސީގެ މެމްބަރުން ވަކިކުރަން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް