އިންސްޓެންޓް ޕޭމަންޓް ސިސްޓަމް ގާއިމްކޮށް ރާއްޖޭގައި އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ގާއިމް ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތް ހަ މަސް ދުވަހުން ނިންމާލެވޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވާފައިވާ، "ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު"ގެ ބައެއް ކަންތައް މެމްބަރުންންށް ސާފު ނުވާތީ މިއަދުގެ ޖަލްސާއަށް އެމްއެމްއޭގެ އިސް އޮފިޝަލުންތަކެއް ވަނީ ހާޒިރުވެ މައުލޫމާތު ދެއްވާފަ އެވެ. އެގޮތުން މިއަދުގެ ޖަލްސާއަށް ވަޑައިގަތީ ގަވަރުނަރު ހާޝިމް، އެސިސްޓެންޓް ގަވަރުނަރު މަރިޔަމް ހުސެއިން ދީދީގެ އިތުރުން އެމްއެމްއޭގެ އިތުރު މުވައްޒިފެކެވެ. އެމްއެމްއޭގެ އޮފިޝަލުން ބިލާއި ގުޅޭ ތަފްސީލު ދީ ނިމުމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޮފިޝަލުންނާ ސުވާލުކުރުމުގެ ފުރުސަތު މެމްބަރުންނަށް ދެއްވާފަ އެވެ.
އެ ފުރުސަތުގައި މެމްބަރަކު ޕޭމަންޓް ސިސްޓަމް ގާއިމްކޮށް ނިމޭނީ ކޮން ދުވަހަކުތޯ ސުވާލުކުރުމުން، ހާޝިމް ވިދާޅުވީ، މި މަސް ތެރޭގައި އެ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެ އޮންލައިން ސިސްޓަމްގެ ޓެސްޓިން މަރުހަލާ ކަމަށްވުމުން ކުރިއަށް އޮތް ހަ މަސް ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ފެށޭނީ ޓެސްޓިން މަރުހަލާ ނިމުމުން ކަމަށް ވެސް ހާޝިމް ވިދާޅުވި އެވެ.
"ދިމާވާނެ މައްސަލަތައް ފާހަގަކޮށް ހައްލު ކޮށް އެމްއެމްއޭގެ ޓީމު ވެސް މި ކަމަށް ތަމްރީން ކުރަން ޖެހޭ. އެހެންކަމުން އަޅުގަނޑުމެންގެ ޕްލޭންގައި އޮތީ ހަ މަސް ދުވަސް ތެރޭ އިންޓަނޭޝަނަލް އޮންލައިން ޕޭމަންޓް ސިސްޓަމް ގާއިމް ކުރަން" މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ހާޝިމް ވިދާޅުވި އެވެ.
ހާޝިމް ވިދާޅުވި ގޮތުންންމަ ޕޭޕަލް ފަދަ ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭ ފައިސާ، ސީދާ ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކަށް ވަގުތުން ޖަމާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އިންޓަނޭޝަނަލް ކާޑު އެސޯސިއޭޝަންތަކާއި ގުޅިގެން އެމްއެމްއޭއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް