ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް: ގޯޅި އެސްސީ އަތުން އައުޓްރީފް ބަލިވިއިރު، ޑޭންޖަރަސް ބޯއީސް އަދި ޔުނައިޓެޑް ކިލާގެ މެޗު އެއްވަރު!

ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން މިހާރު ކުރިޔައް ގެންދާ “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގައި ރޭ ވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފައެވެ. އެގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި އައުޓްރީފް ސްޕ...

20 Oct 2020 | 05:17

ލ. ގަމު ތުނޑީ ޒުވާނުން އިސްނަގައިގެން މިހާރު ކުރިޔައް ގެންދާ “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގައި ރޭ ވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފައެވެ.

އެގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި އައުޓްރީފް ސްޕޯޓްސް ކުލަބާއި ގޯޅި އެސްސީ ބައްދަލުކުރި އިރު، މި މެޗު 3-10 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ގޯޅި އެސްސީންނެވެ.

ގޯޅި އެސްސީ އަތުން އައުޓްރީފް ރޭ ތަފާތު ބޮޑުކޮށް ބަލިވިއިރު، މިއީ މި މުބާރާތުގައި އައުޓްރީފް ބަލިވި ފުރަތަމަ މެޗެވެ. އަދި ގޯޅި އެސްސީ މޮޅުވި ދެވަނަ މެޗެވެ. ރޭގެ މި މޮޅާއި އެކު ގޯޅި އެސްސީ ވަނީ ގްރޫޕް އޭގެ ޕޮއިންޓު ތާވަލްގެ ދެވަނަ އަށް ޖެހިލާފައެވެ. ގޯޅި އެސްސީއާއި އެއްވަރަކަށް ޕޮއިންޓު ލިބިގެން ގްރޫޕް އޭގެ ތިންވަނަ އައުޓްރީފް އަށްް ލިބޭއިރު އެޓީމަށް ތާވަލުގެ ތިންވަން ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ރޭގެ މެޗުން މޮޅުވި ގޯޅި އެސްސީއަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ އިބުރާހިމް މުބީން 4 ލަނޑު، އަޙުމަދު ޙަލީމް 3 ލަނޑު، އަބުދުﷲ ޝުއާއު 2 ލަނޑު އަދި މުޖުތާޒު އަލީ 1 ލަނޑެވެ. އައުޓްރީފް އެސްސީގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އަލީ ނާޝިދު 2 ލަނޑު އަދި އަޙުމަދު މުޙައްމަދު 1 ލަނޑެވެ.

މި މެޗުގެ ޕްލޭޔަރ އޮފް ދި މެޗުގެ މަގާމަށް ހޮވިފައިވަނީ ގޯޅި އެސްސީއަށް 4 ލަނޑު ކާމިޔާބު ކޮށްދިން ޖާޒީ ނަމްބަރ 5 އިބުރާހިމް މުބީން އެވެ.

ގްރޫޕް އޭގައި ހިމެނޭ ޑީޑީއެފް ދި ގެނެރޭޝަން، ގޯޅި ސްޕޯޓްސް ކުލަބު އަދި އައުޓްރީފް ސްޕޯޓްސް ކުލަބް އަދި ޔުނައިޓެޑް ކިލާ، މިއިން ކޮންމެ ޓީމަކަށް ވެސް މިހާރުވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިފައެވެ. މި ގުރޫޕުން ފުރުސަތު ގެއްލިފައިވަނީ ޑޭންޖަރަސް ބޯއީޒް އަށެވެ. އެޓީމު ވަނީ ގްުރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ހަތަރު މެޗުވެސް ކުޅެ ނިިމިފައެވެ. ގްރޫޕް ސްޓޭޖުގެ ހަތަރު މެޗު ކުޅެ ނިމުނު އިރު އެޓީމު އޮތީ ގްރޫޕް އޭގެ އެންމެ ފުލުގައި އެންމެ ޕޮއިންޓަކާއި އެކުގައެވެ. ނަމަވެސް މި ގްރޫޕުގައި ހިމެނޭ އަނެއް ހަތަރު ޓީމަށް ގްރޫޕް ސްޓޭޖުގެ އެއް މެޗު އަދި ބާކީ އެބައޮތެވެ.

މި ގުރޫޕުގެ އެންމެ ފަހަތުގައި އޮތް ޑޭންޖަރަސް ބޯއީޒް އާއި ޔުނައިޓެޑް ކިލާ ރޭ ބައްދަލުކުރި މެޗު ވަނީ 5-5 އިން އެއްވަރުވެފައެވެ.

ގުރޫޕް އޭއަށް ބަލާއިރު، މި ގުރޫޕުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެއްވަނާގައި އޮތީ ޑީޑީއެފް ދި ގެނެރޭޝަން އެވެ. އެޓީމު ވަނީ ކުޅުނު ތިން މެޗުން9 ޕޮއިންޓް ހޯދާފައެވެ. ދެވަނާގައޮ އޮތީ ކުޅުނު3 މެޗުން6 ޕޮއިންޓް ހޯދައިގެން ގޯޅި ސްޕޯޓްސް ކުލަބެވެ. އަދި ތިންވަނާގައި ކުޅުނު ދެމެޗުން6 ޕޮއިންޓާއި އެކު އޮތީ އައުޓްރީސް ސްޕޯޓްސް ކުލަބެވެ. މި ގްރޫޕުގެ ހަތަރުވަނަ ލިބެނީ ޔުނައިޓެޑް ކިލާއަށެވެ. ފަސްވަނަ ލިބެނީ ޑޭންޖަރަސް ބޯއީޒް އަށެވެ.

ރޭގައި ކުޅުނު ގުރޫޕް ބީގެ މެޗުތަކަށް ބަލާލާއިރު، ގޯޅި ޖޭއާރު އަދި ރޯޔަލް އެފްސީ ބައްދަލުކުރި މެޗު 2-4 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ގޯޅި ޖޭއާރު އެވެ. ރޭގެ މި މޮޅާއި އެކު ގޯޅި ޖޭއާރު ވަނީ 6 ޕޮއިންޓާއި އެކު ގްރޫޕުގެ ދެވަނަ އަށް ޖެހިލާފައެވެ. ގޯޅި ޖޭއާރު ގްރޫޕް ސްޓޭޖުގެ ތިން މެޗު ކުޅެފައިވާއިރު، ދެ މެޗުން މޮޅު އެއްމެޗުން ވަނީ ބަލިވެފައެވެ.

ރޯޔަލް އެފްސީއަށް ބަލާއިރު އެޓީމު ވަނީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ. އެގޮތުން އެޓީމު އޮތީ އަދި މިހާތަނަށް ޕޮއިންޓެއް ނުލިބި ގްރޫޕް ބީގެ އެންމެ ފުލުގައެވެ.

މި ގްރޫޕުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. މި ގްރޫޕުން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުވެފައިވާ ހަމަ އެކަނި ޓީމަކީ ކަންމަތީ ސްޕޯޓްސް ކުލަބެވެ. އެޓީމު ވަނީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް ތަފާތު ބޮޑު ނަތީޖާ ތަކަކާއި އެކު މޮޅުވެފައެވެ. ނަމަވެސް ދެން ބާކީ އޮތް ހަތަރު ޓީމަށް ވެސް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ. ކޮންމެ ޓީކަމަށް ވެސް ގްރޫޕް ސްޓޭޖުގައި ބާކީ އެއްމެޗު އެބަ އޮތެވެ.

ގުރޫޕް ބީއަށް ބަލާލާއިރު، މި ގްރޫޕުގެ އެއްވަނާގައި 9 ޕޮއިންޓާއި އެކު އޮތީ ކަންމަތީ ސްޕޯޓްސް ކުލަބެވެ. ދެވަނާގައި6 ޕޮއިންޓާއި އެކު އޮތީ ގޯޅި ޖޭއާރުއެވެ. އަދި ތިންވަނައާއި ހަތަރުވަނާގައި އޮތް ސުޕަސްޓާރ އާއި ޑީކޭއެންޒެޑް، މިއިން ކޮންމެ ޓީމަކަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު، ސުޕަސްޓާރ އަށް ގްރޫޕުގެ ތިންވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

ޕޮއިންޓެއް ނުލިބި އެންމެ ފުލުގައި އޮތީ ރޯޔަލް އެފްސީއެވެ.

މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، މިރޭ 20:30 ގައި ކުޅޭނީ ގުރޫޕް ބީގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ މި ގްރޫޕުގެ އެއްވަނާގައޮ އޮތް ކަންމަތީ ސްޕޯޓްސް ކުލަބާއި ތިންވަނާގައި އޮތް ސުޕަސްޓާރ އެވެ. އަދި މިރޭ 21:30 ގައި ކުޅޭ ގުރޫޕް އޭގެ މެޗުގައި ބައްދަލުކުރާނީ މި ގްރޫޕުގެ ތިންވަނާގައި އޮތް އައުޓްރީސް ސްޕޯޓްސް ކުލަބާއި ގްރޫޕުގެ އެއްވަނާގައި އޮތް ޑީޑީއެފް ދި ޖެނެރޭޝަންއެވެ.

މިރޭ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ޑީކޭއެންޒެޑް އަދި ގޯޅި ޖޭއާރުއެވެ. މިއީ ގުރޫޕް ބީގެ މެޗެކެވެ. މި މެޗު ފަށާނީ މިރޭ 22:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް