މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އެހެނިހެން އިސް ބައެއްގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ނިންމައިފި އެވެ.
ކޮވިޑް19 އިގެ ހާލު ސީރިއަސްވާ މީހުނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމުގައި ހެލްތް މިނިސްޓްރީން ކޮރަޕްޝަންގެ އަމަލްތަށް ހިންގާފައިވާކަމަށް ތުހުމަތު ކުރެވުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ އެ ތުހުމަތުތަށް ބަލަން ފަށައިފަ އެވެ. އަދި މައްސަލަތަށް ބަލައި ނިންމުމަށްފަހު ދައުވާ ކޮށްދިނުމަށް އެދި ވަނީ ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.
ނަމަވެސް މިއަދު ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ، ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ހޯދިފައި ނުވުމުން ކަމަށެވެ.
އޭސީސީއިން ވަނީ ހެލްތް މިނިސްޓްރީގެ11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން އެދި ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. އޭގެތެރޭގައި މިނިސްޓަރު އަމީންގެ އިތުރުން އެ މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި ފައިނޭންޝަލް އެގްޒެކެޓިވް އާއި އެހެން ވެސް އިސް މަގާމްތަކުގައި އުޅުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ބިޑް ކޮމިޓީގެ ބޭފުޅުންގެ ތެރެއިން ދައުވާ ކުރަނީ އެ ކޮމިޓީގެ ޗެއާ ޑެޕިޔުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތުގެ ޑިރެކްޓަރު، ކ.ގުރައިދޫ/ފަތިސްހަނދުވަރުގެ، ނައުޝާދު އަލީ އާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ/ ނޫރާނީހިޔާ، އާމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު މ.ހަޒާރީވިލާ/ފާތިމަތު ލިމްޔާ އެވެ.
ދެން ދައުވާ ކުރަން ފޮނުވީ އެ މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އަހުމަދު އަސްލަމް އާއި ހެލްތުގެ ލީގަލް އޮފިސަރު ލ.ގަން ފެއަރީ ގާޑެން އަލީ ޝިހާމާއި ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓާ އަބްދުﷲ ހަފީޒް، މުޝްތަރީގެ/ ހއ.ދިއްދޫ އާއި ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސާ، ހުސައިން ނިޔާޒު އަދި ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފްއަށެވެ.
އޭސީސީއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަމީންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރުމުގެ މަސައްކަތް ފެށީ ޑަބްލިއުއެޗްއޯއިން ދިން މައުލޫމާތަށް ކަމަށް ބުނެ ހެލްތް މިނިސްޓަރު ބިޑް ކޮމިޓީއަށް ދިން ދޮގު މައުލޫމާތުތަކަކާ ގުޅިގެން ކަމަށެވެ. އަދި ބިޑް ކޮމިޓީގައި އެ މަސައްކަތް ހިނގަމުން ދިޔައިރު އެ ކޮމިޓީގައި ބައިވެރިނުވާ ދެ މެންބަރަކު ބިޑް ކޮމިޓީގައި ބައިވެރިވުމަށް މިނިސްޓަރު ބާރު އެޅުއްވި ކަމަށް ތަހުގިގަށް ސާބިތުވާ ކަމަށް ވެސް އޭސީސީގެ އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި އޭސީސީއިން އިތުރަށް ބުނެފައިވަނީ، 75 ވެންޓިލޭޓަރުގެ އެޑްވާންސުގެ ގޮތުގައި 75 ޕަސެންޓް ފައިސާ ދުބާއީ ކުންފުންޏަށް ދެއްކުމަށް މިނިސްޓަރު ބާރު އަޅުއްވާފައިވާކަން ހާމަވެފައިވާ ކަމަށެވެ. އޭސީސީއިން އަމީން މައްޗަށް ދައުވާ ކޮށްދިނުމަށް އެދުނީ، ގާނޫނުލް އުގޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި އެ ގާނޫނުގެ 512ވަނަ މާއްދާގެ (ހ) އާއި ހަމަ އެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) އަދި އެ ގާނޫނުގެ 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުންނެވެ. އެއީ، ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ސައްހަ ނޫން މައުލޫމާތެއް ދިނުމުގެ ކުށް ބަޔާންކުރާ މާއްދާތަކެވެ.
ދެން ދައުވާކުރުމަށް އެދި ފޮނުވާފައިވާ ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ ހިމެނޭ ގޮތުން އެ ކޮމިޓީގެ ހަތަރު މެންބަރުންގެ މައްޗަށް ދައުވާ ކުރަނީ މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތަށް ޑިއުޑިލިޖެންސާއި ޓެކްނިކަލް އިވެލުއުއޭޝަން ހެދުމެއް ނެތި ވެންޓިލޭޓަރުތައް ގަންނަން ބަޔަކާ ހަވާލުކުރަން ނިންމާފައިވާތީ އާއި މަސައްކަތް ހަވާލުކުރި "އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން"ގެ ނަމުގައި ބިޑް ކޮމިޓީއަށް ކޮޓޭޝަނެއް ހުށަހެޅިފައި ނެތް ނަމަވެސް ޑރ. އަލީ ޓުކްމަޗީގެ ނަމުގައިވާ ހުށަހެޅުމެއް އިވެލުއޭޓްކޮށް ފަހުން ދުބާއީ ކުންފުނީގެ ނަމަށް ލިޔުންތައް ބަދަލުކޮށްފައިވާތީ އެވެ. އޭސީސީއިން ތުހުމަތު ކުރަނީ ބިޑް ކޮމިޓީގެ މެންބަރުން އެގޮތަށް އަމަލުކުރީ، ޑރ. އަލީއަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތް އޮވެގެން ކަމަށެވެ.
ހެލެތް މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިކް އަސްލަމްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މާލިއްޔަތު ގަވާއިދާ ހިލާފަށް ޑިއު ޑިލިޖެންސް ނުހަދާ ވެންޓިލޭޓަރު ގަންނަން ބިޑް ކޮމިޓީއަށް ހުށަހެޅުންތަކެއް ހުށަހަޅާފައި ވާތީ އާއި އަދި ގެރެންޓީއެއް ނުނަގާ ތަކެތީގެ އަގަށްވާ 90 ޕަސެންޓް ފައިސާ އެ ކުންފުންޏަށް ދައްކާފައިވާތީ އަދި އެކަމާ ގުޅޭ އެންމެހާ ކަންކަން އޭނާގެ ބެލުމުގެ ދަށުން ގާނޫނާ ހިލާފަށް ކޮށްފައި ވާތީ އެވެ. އޭނާގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދެނީ ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލުތައް ހިންގާފައި ވާތީ އަދި ސައްހަ ނޫން މައުލޫމާތު ދީފައިވާތީ ކަމަށް އޭސީސީއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރި މި މައްސަލައިގައި ދެން ދައުވާ ކުރަން ފޮނުވާފައިވަނީ، ހެލްތް މިނިސްޓްރީގެ ޑައިރެކްޓަރު ހާފިޒުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރަން އެދުނީ، އެދުނީ މާލިއްޔަތު ގާނޫނާ ހިލާފަށް ދުބާއީ ކުންފުންޏަށް ފައިސާ ދޭން ސެޕް ސިސްޓަމް މެދުވެރިކޮށް ޕީއޯ ހެދީ އޭނާ ކަމަށްވާތީ އެވެ. އަދި ދުބާއީ ކުންފުނިން ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނުދެނީސް އެތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމަށް އެންޓާކޮށްފައި ވާތީ އެވެ.
ދެން ދައުވާ ކޮށްދިނުމަށް އެދި އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ، ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސާ ނިޔާޒުގެ މައްޗަށާއި، އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފުގެ މައްޗަށެވެ. ޝަރީފުގެ މައްޗަށް މައްޗަށް ދައުވާކޮށް ދިނުމަށް އެދުނީ ޕޭމަންޓް ޕްރޮސެސްކުރަން ސެޕްސިސްޓަމްގައި ޕޭމަންޓް އެޕްރުވަލް ޕޯސްޓްކުރީ އޭނާ ކަމަށް ވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް