ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 1،000 އިން ދަށްވެއްޖެ އެވެ.
އެންމެ ފުރަތަމަަ ރާއްޖެއިން ކޯވިޑް-19 ގެ ކޭސްއެއް ފެނުނީ މިއަހަރުގެ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް ޖުމްލަ 11،232 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.
ކޯވިޑް އާންމުންގެ މެދުގައި ފެތުރެން ފެށުމާއި އެކު އޭޕްރިލް 15 ވަނަ ދުވަހުން ފެށިގެން މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ފަހު ނިއު ނޯމަލްގައި ގައުމު ހުޅުވާލީ ޖުލައި މަހުގެ ފުރަތަމަ ދުވަހު އެވެ. އޭގެ ފަހުން އަނެއްކާވެސް ކޯވިޑްގެ ކޭސްތައް ކުއްލިއަކަށް އިތުރުވެގެން ދިޔަ އެވެ.
މިއީ ޖުލައި މަހު ނިއު ނޯމަލްގައި ގައުމު ހުޅުވާލިފަހުން ކޯވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ހާހަކުން ދަށްވި މިއީ ފަހަރެވެ. އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން ކޯވިޑް-19 އަށް ޕޮސިޓިވްވެގެން މިހާރު ފަރުވާ ދެމުންދަނީ 987 މީހުންނަށެވެ.
އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 39 މީހަކަށް ފަރުވާ ދެމުންދާއިރު އައިސީޔޫގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 354 މީހުންނަށެވެ.
މިހާތަނަށް ރާޢްޖެއިން ކޯވިޑް ޖެހިފައިވަނީ 7،202 ދިވެހިންނަށާއި 4،030 ބިދޭސީންނަށެވެ. ރާއްޖެއިން އެންމެ ގިނައިން ކޯވިޑް ޖެހިފައިވަނީ ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގެ އިތުރުން މާލޭގައި ކޯވިޑަށް ފަރުވާ ދިނުމަށް ހާއްސަކޮށް ސަރުކާރުން ވަނީ ނުވަ ފެސިލިޓީއެއް ހަދާފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ދަރުމަވަންތަ ހިސްޕިޓަލް، ހުޅުމާލޭ މެޑިކަލް ފެސިލިޓީ، ހއ. އިހަވަންދޫ ކޯވިޑް ޓްރާންސިޓް ފެސިލިޓީ، ށ. އަތޮޅު ކޯވިޑް ފެސިލިޓީ، ބ. އތަޮޅު ކޯވިޑް ފެސިލިޓީ، ލ. އަތޮޅު ކޯވިޑް ފެސިލިޓީ އަދި ގއ، އަތޮޅު ކޯވިޑް ފެސިލިޓީގެ އިތުރުން ފުވައްމުލަކު ޓްރާންސިޓް ކޯވިޑް ފެސިލިޓީ އާއި އައްޑޫ ކޯވިޑް ފެސިލިޓީ އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 90 ޕަސެންޓު މީހުން ވަނީ ބަލިން ރަނގަޅުވެވެފައި އެވެ. އެއީ 10،201 މީހުންނެވެ. މި ބަލީގައި މަރުވެފައިވަނީ 37 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް