ކޮންމެ ދުވަހެއްވެސް ފެށިގެން އަންނަންވާނީ ހެނދުނުގެ ސައި ނުވަތަ ނާސްތާ އިންނެވެ. ކޮންމެ ދުވަހަކުވެސް އެންމެ މުހިންމު ކަމެއް ދީ އެންމެ އިސްކަމެއް ދޭންޖެހޭ ނީވެސް ހެނދުނުގެ ނާސްތާ އަށެވެ.
ސިއްޚީ މާހިރުން ބުނާގޮތުން ކޮންމެ ދުވަހަކު ވެސް ހެނދުނު ތެދުވެ އެންމެ އިސްކަމެއް ދޭންވާނީ ހެނދުނުގެ ނާސްތާއިން ދުވަސް ފެށުމެވެ. އަދި ހެނދުނުގެ ނާސްތާ ކުރާއިރު، ކޮންމެ ދުވަހަކުވެސް ސިއްޚަތަށް ފައިދާ ހުރި ކާނާއެއް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ހެނދުނުގެ ނާސްތާގައި ސިއްޚަތަށް ފައިދާ ހުރި ކާނާއެއް ބޭނުން ކުރުމަކީ މުޅި ދުވަހުގެ މަސައްކަތަށް ލިބޭ ހިއްވަރަކާއި ބާރެކެވެ.
ކަން މިހެން އޮތް ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ނޫނީ މިކަމަށް ސަމާލުކަމެއް ނުދެއެވެ. ޚާއްސަކޮށް ބެލެނިވެރިން އެބައި މީހުންގެ ދަރިން ހެނދުނު ސްކޫލަށް ފޮނުވާއިރު ވެސް ނާސްތާ ނުދީ ކުދިން ސްކޫލަށް ފޮނުވާތަން އާދެއެވެ. ހެނދުނުގެ ނާސްތާ އަކީ ސްކޫލަށް ދާ ކުދިންނަށް ކޮންމެހެން ވެސް ދޭން ޖެހޭ މުހިންމު އެއްޗެއް ކަން ބެލެނިވެރިން ދަންނަން ޖެހެއެވެ. ސަބަބަކީ ހެނދުނުގެ ނާސްތާ އަކީ އެކުދިންގެ ކިޔެވުމަށް ލިބިދޭ ބާރަކަށް ވެގެން ދިއުމެވެ.
ބައެއް ގައުމުތަކުގައި މިކަމަށް ހެދިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ސްކޫލް ކުދިންގެ ތެރެއިން 02 އިންސައްތަ ކުދިން ސްކޫލަށް ދަނީ ހެނދުނު ނާސްތާ ނުނަގަ އެވެ. އަދި އޮފީސްތަކަށް ދާ ބޮޑެތި މީހުންގެ ތެރެއިން ބޮޑު ނިސްބަތެއް ދަނީ ހެނދުނުގެ ނާސްތާ ނުކޮށެވެ.
ރޭގަނޑުގެ ނިދިން ތެދުވެ ދުވާލުގެ މަސައްކަތްތަށް ފެށުމަށް ހިއްވަރާއި ހަކަތަ ބޭނުންވެ އެވެ. ސިކުނޑި އާއި އަދި ހަށިގަނޑުގެ މުހިއްމު އެހެނިހެން ގުނަވަންތަކަށް ބޭނުންވާ ހަކަތަ ލިބި ހަށިގަނޑުގެ މަސައްކަތްތައް ފަށައިގަތުން ބިނާވެފައި އޮންނަނީ ހެނދުނުގެ ނާސްތާގެ ސަބަބުންނެވެ.
ބައެއް ސިއްޚީ ދިރާސާތަކުން ދައްކާފައި ވާގޮތުން ނާސްތާ ނުކޮށް ހެނދުނު އޮފީހަށް ނުވަތަ ސްކޫލަށް ދާ ފަރާތްތަކުން ބޮލުގައި ރިހުމާއި، މޭ ނުބައި ކުރުމާއި، ބަނޑުގައި ރިހުން ތަޖުރިބާ ކުރެއެވެ. އެހެން ކަމުން އޮފީހުގެ ދުވަހުގެ މަސައްކަތަށް ނުވަތަ ކުދިން ސްކޫލަށް ގޮސް ކިޔަވާ ކިޔެވެއްޔަށް ސަމާލުކަމެއް ނުދެވެއެވެ. ކަން މިހެން ހުރި އިރު، ކުރާ ކަމަކުން ނުވަތަ ކިޔަވާ ކިޔެވެއްޔަކުން ކުރާނެ މަންފާއެއް އެބަ އޮތްތޯއެވެ.؟
ކަން މިހެން ހުރިއިރު، އޮފީހައް ދާ ފަރާތްތަކުން ވެސް އަދި ސްކޫލަށް ދާ ދަރިވަރުން ވެސް ހެނދުނު ނާސްތާ ކޮށްގެން ދުވަހުގެ މަސައްކަތް ފެށުމަކީ މުހިންމު ކަމެކެވެ. ހެނދުނުގެ ނާސްތާގެ ތެރެއަށް ތިމާ ކާހިއްވާ ކޮންމެވެސް ކަހަލަ އެއްޗެއް ވެސް ބޭނުންކުރުން މުހިންމެވެ. ގައިގަ ވަރުޖައްސާ ސިއްޚީ ގޮތުން ފައިދާ ހުރި ކާނާއެއް ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.
ސިއްޚީ މާހިރުން ލަފާ ދޭގޮތުގައި ހެނދުނުގެ ނާސްތާގައި ކޮންމެހެން ހުންނަންޖެހޭނެ ތަކެތީގެ ތެރޭގައި ރޮށި ނުވަތަ ޕާން ފަދަ ތަކެތި ހިމެނެއެވެ. ނޫންނަމަ ކައްކާފައި ހުންނަ ބިސް، ޕީނަޓް ބަޓާ، މަހުގެ ބާވަތެއް ނުވަތަ ކިރުގެ ވައްތަރެއް ވެސް ކަމުދާނެއެވެ. އެހެން ކަމުން ކޮންމެ ދުވަހެއްގެ ވެސް ފެށުމުގެ ގޮތުން ހެނދުނުގެ ނާސްތާ ކޮށްލުމަކީ އެދުވަހެއްގެ ހުރިހާ ހަރަކާތަކަށް ވެސް ތާޒާކަން އިތުރު ވެގެންދާނެ މުހިންމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް