އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ރާއްޖެ ޒިޔާރަތްކުރައްވަނީ !

އެމެރިކާގެ ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް އެ ގައުމުގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ރާއްޖެ ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. އެގޮތުން އިންޑިއާގެ ބަ...

20 Oct 2020 | 01:20

އެމެރިކާގެ ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް އެ ގައުމުގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ރާއްޖެ ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އެގޮތުން އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އޭނާ ފުރަތަމަ ވަޑައިގަންނަވަނީ އިންޑިއާއަށެވެ. ނިއުދިއްލީގައި ބާއްވާ ބައްދަލުވުމަކަށްފަހު ދެން ވަޑައިގަންނަވާނީ ސްރީ ލަންކާއަށެވެ. އަދި އެއަށްފަހު ރާއްޖެ ޒިޔާރަތްކުރައްވާނެ ކަމުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެއްވެސް ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ރާއްޖެ ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު ދިވެހިރާއްޖެއާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދެ ގައުމުގެ ސަރުކާރުން ގުޅިގެން ފްރޭމްވޯކެއް ވަނީ އެކުލަވާލާފައެވެ.

“ފްރޭމްވޯކް ފޮރ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޑިފެންސް – މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް – ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް” ނަމުގައި އެކުލަވާލާފައިވާ މި ފްރޭމްވޯކާބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޮރ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ ރީޑް ވާނާ އެވެ.

ޑިފެންސް މިނިސްޓްރީން މައުލޫމާތުދެއްވާފައިވާގޮތުގައި މި ފްރޭމްވޯކްގެ ސަބަބުން ދިފާއީ އަދި ސަލާމަތީ ކަންކަމުގައި، ދެ ގައުމުގެ މެދުގައި އޮންނަ ވަރުގަދަ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް