ދުނިޔޭގެ ފުޓުބޯޅައިގައި މިހާތަނަށް ރިޓަޔާނުވެ ކުޅެމުން އަންނަ ކުޅުންތެރިންގެ ލިސްޓުގެ ހަވަނައިގައި ރާއްޖޭގެ ފުޓުބޯޅަ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެ އެވެ.
މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ބެލުމަށްފަހު ހަދާފައިވާ ލިސްޓުން ދަގަނޑޭއަށް ހަވަނަ ލިބުނީ އޭނާގެ ކެރިއަރުގައި ޖެހި 464 ލަނޑާއެކުއެވެ. ދަގަނޑޭ އެ އަދަދަށް ލަނޑު ޖަހާފައިވަނީ ޖުމްލަ 544 މެޗުންނެވެ.
މި ލިސްޓަކީ މިި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް އެކުލަވާލާފައިވާ ލިސްޓެކެވެ. މި ލިސްޓުގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދަގަނޑޭ އަކީ އޭޝިއާ ބައްރުންވެސް މި ލިސްޓުގައި ހިމެނޭ ހަމައެކަނި ކުޅުންތެރިޔާ އެވެ.
މި ލިސްޓުން ދަގަނޑޭއަށް 464 ލަނޑާއި އެކު ހަވަނަ ލިބުނުއިރު، ދަގަނޑޭ ވަނީ ކުލަބު ވެލެންސިއާއަށް 104 ލަނޑު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް 129 ލަނޑު، ބްރޫނީގެ ޑީޕީއެމްއެމް އެފްސީއަށް 2 ލަނޑު، ވީބީ އައްޑޫ އެފްސީއަށް 93 ލަނޑު، މެލޭޝިއާގެ ޕީޑީއާރުއެމް އެފްއޭއަށް 47 ލަނޑު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 8 ލަނޑު، ޓީސީ ސްޕޯޓްސް ކުލަބަށް 16 ލަނޑު، ކުލަބު ގްރީން ސްޓްރީޓްސްއަށް 11 ލަނޑު، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް 53 ލަނޑު އަދި 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް 2 ލަނޑު ޖަހާފައެވެ.
ދަނގަޑޭ އަށް ލިސްޓުގެ ހަވަނަ ލިބުނު އިރު، މި ލިސްޓުގެ އެއްވަނައިގައި 760 ލަނޑާއެކު އޮތީ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ދެވަނައިގައި 733 ލަނޑާއެކު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އޮތްއިރު، ތިންވަނައިގައި 559 ލަނޑާއެކު އޮތީ ސްވިޑެންގެ ޒްލަޓާން އިބްރަހިމޮވިޗެވެ.
މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖެހި 10 ކުޅުންތެރިން
- ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) : 760 ލަނޑު
- ލިއޮނެލް މެސީ (އާޖެންޓީނާ) : 733 ލަނޑު
- ޒްލަޓާން އިބްރަހިމޮވިޗް (ސްވިޑެން) : 559 ލަނޑު
- ރޮބަޓް ލެވަންޑޯސްކީ (ޕޮލެންޑް) : 506 ލަނޑު
- ލުއިސް ސުއަރޭޒް (އުރުގުއޭ) : 488 ލަނޑު
- އަލީ އަޝްފާގު (ދިވެހިރާއްޖެ) : 464 ލަނޑު
- ސެބަސްޓިއަން އަބްރޫ (އުރުގުއޭ) : 432 ލަނޑު
- ސާޖިއޯ އަގުއޭރޯ (އާޖެންޓީނާ) : 430 ލަނޑު
- ކްލާސް-ޔަން ހަންޓެލާ (ނެދަލެންޑްސް) : 418 ލަނޑު
- އެޑިންސަން ކަވާނީ (އުރުގުއޭ) : 415 ލަނޑު
ދުނިޔޭގެ ލަނޑު ލިސްޓުން ހަވަނައިގައި އޮތްއިރު ދަގަނޑޭ ވަނީ މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު މެޗުގެ ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެވަނަ ހޯދާފައެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ދުށް އެންމެ މޮޅު ފުޓުބޯޅަަ ކުޅުންތެރިޔާ ވަނީ މިހާތަނަށް ޤައުމީ ޖާރޒީއާއި ކުލަބް ލެވެލްގައި ގިނަ ކާމިޔާބީތަކެއް ގައުމަށް ހޯދައިދީފައެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕް 2008 ގައި ހޯދި ޓީމުގައި އޭނާ ހިމެނުނު އިރު އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދިއެވެ. އަދި މެލޭޝިއާގައި ކުޅުނުއިރު އެ ލީގުގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަޤާމާއި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަޤާމު އެތަކެއް ފަހަރަކު ހޯދިއެވެ.
މީގެ އިތުރުން ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތްވަނައިގައި އޮތް ކުޅުންތެރިޔާއެވެ. އެއީ ވެލެންސިއާ އާއި، ނިއު ރޭޑިއަންޓް އަދި ވީބީ އައްޑޫ އެފްސީއަށް ޖަހައިދިން 29 ލަނޑާއެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް