ފްރެންޗް ލީގުގައި މިއަދު ހަވީރު ނީސް އާއި ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުން ޕީއެސްޖީ އިން ނީސްގެ މައްޗަށް ކުރި ހޯދާފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނޭމާ ކުޅެފައެއް ނުވެއެވެ. ނަމަވެސް މި މެޗުގައި ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ވަނީ ކުޅެފައެވެ.
ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކި މި މެޗުގެ 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕީއެސްޖީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. މިއީ އޭރިއާ ތެރެއިން އެމްބާޕޭއަށް ނީސްގެ ކެފެރޭ ތުރާމް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެންހެލް ޑި މާރިއާއެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ޕީއެސްޖީން ނިންމާލިއިރު، އެޓީމުގެ ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާކީނިއޯސްއެވެ.
މި މޮޅާއެކު ޕީއެސްޖީ ވަނީ ވަގުތީ ގޮތުން ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. އެޓީމަށް ވަނީ ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އަދި ނީސްއަށްވެސް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ނީސް މިވަގުތު އޮތީ ތާވަލުގެ ދިހަ ވަނާގައެވެ.
ލީގުގައި ދެން ޕީއެސްޖީ ނުކުންނާނީ ރެއިމްސްއާ ދެކޮޅަށެވެ. އަދި ނީސް ނިކުންނާނީ ރަށުން ބޭރުގައި ބޯދެކްސްއާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް