އަދީބުގެ މައްސަލައިގަ ހައި ކޯޓުން މާދަމާ ހުކުމް ކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދައުވާތަކެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގަ ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގަ ހުކުމް ކުރުން މާދަމައަށް ތާވަލް ކޮށްފި އެވެ. ދައުލަތުން ...

20 Sep 2020 | 15:06

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދައުވާތަކެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގަ ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގަ ހުކުމް ކުރުން މާދަމައަށް ތާވަލް ކޮށްފި އެވެ.

ދައުލަތުން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކުރި އެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން، އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ.

ހައި ކޯޓުގައި މާދަމާ ހުކުމް ކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 2:00 ގައި އެވެ. މި މައްސަލައިގަ އެންމެ ފަހުން އަޑުއެހުމެއް ހައި ކޯޓުގައި ބޭއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.

މީގެކުރިން ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ މައްޗަށް ދެ މައްސަލައެއްގައި ހުކުމް ކޮށްފައެވެ. އެއީ އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ. އެހެންނަމަވެސް އެ ދެ ހުކުމް އިސްތިއުނާފުގެ މަރުހަލާގެ އެންމެ ފަހު މަރުހަލާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް