މިރޭގެ މެޗަށް ރޮނާލްޑޯ ހުރީ ފުރިހަމަ އަށް ތައްޔާރުވެގެން: ޕިރްލޯ

އިޓާލިއަން ސެރިއޭގެ ފުރަތަމަ މެޗަށް މިރޭ ސަމްޕްޑޯރިއާ އާއި ދެކޮޅަށް ކުޅޭ މެޗަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް ޔުވެންޓަސްގެ ކޯޗްް އެންޑްރޫ ޕިރްލޯ ބުނެފިއެވެ. އައު ސީ...

20 Sep 2020 | 12:24

އިޓާލިއަން ސެރިއޭގެ ފުރަތަމަ މެޗަށް މިރޭ ސަމްޕްޑޯރިއާ އާއި ދެކޮޅަށް ކުޅޭ މެޗަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް ޔުވެންޓަސްގެ ކޯޗްް އެންޑްރޫ ޕިރްލޯ ބުނެފިއެވެ.

އައު ސީޒަންގެ ފުރަތަމަ މެޗަށް ރޮނާލްޑޯ ހުރީ ފިޓްކޮށް ކަމަށާއި އެކަން މިރޭ އޭނާ ސާބިތުކޮށްދޭން ތައްޔާރަށް ހުރިކަމަށް  ޕިރްލޯ ވަނީ ބުނެފައެވެ.

"ރޮނާލްޑޯ ހުރީ ވަރަށް ފިޓް ކޮށް ތައްޔާރަށް. އޭނާ ހުރީ މިރޭގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން. ތަފާތު ފެންނާނެ ކަމަށް އުންމީދު ކުރަން،" ޕިރްލޯ ބުނެފައި ވެއެެވެ.

މީގެ އިތުރުން ޕިރްލޯ ބުނެފައި ވަނީ ރޮނާލްޑޯ މިރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭނެ ކަމާއި މިރޭގެ މެޗުގައި އެންމެ މުހިންމު ކަމަކީ ރޮނާލްޑޯގެ ފަރާތުން ގޯލުތަކެއް ފެނިގެން ދިއުން ކަމަށެވެ.

މިރެއަކީ ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވި ފަހުން ޕިރްލޯގެ ކޯޗުކަމުގެ ދަށުން ޔުވެންޓަސް ކުޅޭ ފުރަތަމަ ވާދަވެރި މެޗެވެ. ޕިރްލޯ ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވީ ނިމިގެން ދިޔަ ސީޒަނުގައި ޔުވެންޓަސްގެ ކޯޗުކަމުގައި ހުރި ސާރީ މަގާމުން ދުރުކުރުމާއި ގުޅިގެންނެވެ.

މިރޭގެ މި މެޗަކީ  އައު ސީޒަންގެ ފެށުން ކަމަށް ވާއިރު، ރޮނާލްޑޯއަށް ސަޕޯޓުކުރާ ގިނަ ބަޔަކު މިރޭގެ މެޗަށް ދަނީ އިންތިޒާރު ކުރަމުންނެވެ. މިރޭ އަމިއްލަ ރަށުގައި ސަމްޕްޑޯރިއާއާއި ދެކޮޅަށް ޔުވެންޓަސް އިން ނިކުންނަ ފުރަތަމަ މެޗުގައި ރަނގަޅު ނަތީޖާއެއް ހޯދާ މޮޅުވުމަށް ޔުވެންޓަސް އޮތީ ތައްޔާރަށެވެ. އަދި މިރޭގެ މެޗުގައި ރޮނާލްޑޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިއުމުގެ އިތުރުން އޭނާގެ ފަރާތުން ގިނަ ގޯލުތަކެއް ފެނިގެން ދިއުމަށް ވެސް ގިނަ ބަޔަކު އިންތިޒާރު ކުރާނެއެވެ.

ނިމިގެން ދިޔަ ސީޒަނުގައި ރޮނާލްޑޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އޭނާ ވަނީ ކުޅުނު 33 މެޗުގައި 31 ގޯލު ޖަހާފައެވެ.

ސަމްޕްޑޯރިއާއާއި ދެކޮޅަށް މިރޭ ޔުވެންޓަސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 11:45 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް