ހިޔާ މަޝްރޫއުގެ ދަށުން ދަފްތަރު ކެޓަގަރީން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި އެވެ.
މާލޭ ދަފްތަރުގެ ދަށުން ފްލެޓު ލިބޭ މީހުން ހިމެނެނީ އެޗް9 ކެޓަގަރީގައި އެވެ.
ފިޔާ މަޝްރޫއުގެ ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު އާންމު ކުރި ލިސްޓުގައި ދަފްތަރު ކެޓަގަރީން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ފްލެޓަށް ހުށަހެޅި މީހުންގެ ވަނަވަރާއި ޕޮއިންޓް ލިބިފައިވާ އަދަދު އަދި ކުރިން ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ހިމަނާފައިވެ އެވެ. އަދި ޝަރުތު ހަމަވާ މީހުންނާއި އެ ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ނުގެންދެވުނު ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އެ ކެޓަގަރީއަށް ޝަރުތު ހަމަނުވާ25 މީހުން ތިބި ކަމަށް ބުނެފައިވެ އެވެ. އެ މީހުންގެ މައުލޫމާތު އާންމުކޮށްފައިވެ އެވެ.
ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓާއި އެކު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ 15:00 އެވެ.
ލިސްޓަށް ޝަކުވާ ހުށަހެޅޭނީ https://hcp.presidency.gov.mv/ މެދުވެރިކޮށެވެ. އަދި "ހިޔާ" މަޝްރޫއުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިއާޔަތްކުރެވޭނެ ކަމަށް ކޮމިޓީން ބުންޏެވެ.
ފްލެޓް ކޮމިޓީން ބުނީ "ހިޔާ" މަޝްރޫއުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިއުލާނު ކުރާނެ ކަމަށެވެ.
މިހާތަނަށް އެ ކޮމިޓީން ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ލިސްޓާއި ޓީޗަރުންނަށް ހާއްސަ ލިސްޓާއި މާލޭ ރަށްވެހިންނަށް ހާއްސަ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ ކެޓަގަރީގެ ފްލެޓާ ގުޅޭ ވަގުތީ ލިސްޓުވެސް އާންމުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް