ރާއްޖޭގެ ވައިގެ ބޯޑަރު އަލުން ހުޅުވި ފަހުން ދެވަނަ މަހު އައި ޓޫރިސްޓުންގެ އަދަދު 61 ޕަސެންޓު އިތުރުވެއްޖެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން އަލުން ބޯޑަރު ހުޅުވީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުގައި ބުނެފައިވަނީ މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 13،516 ޓޫރިސްޓުން ކަމަށެވެ.
ފުރަތަމަ މަހު ރާއްޖެ އައިސްފައިވަނީ 5،177 ޓޫރިސްޓުންނެވެ. ދެވަނަ މަހު އައީ 8،339 ޓޫރިސްޓުންނެވެ.
އިމިގްރޭޝަންގެ ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އައިސްފައިވަނީ ޔޫއޭއީއިންނެވެ. އެގަުމުން 656 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު ދެ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ރަޝިއާއިން 539 ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖެއަށް ދެން އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ޖަރުމަނުވިލާތް ހިމެނެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދުގައި ކޯވިޑަށް ނެގެޓިވް ރިޕޯޓެއް އޮންނަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް