ކޯވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އޮފީސްތަކާއި ދަތުރުފަތުރުގެ ހިދުމަތްދޭ ތަންތަނުގައި އަމަލު ކުރޭތޯ ބެލުމުގެ އިންސްޕެކްޝަން ފަށައިފި އެވެ.
މިދިޔަ މަހުގެ ތެރޭގައި އެޗްޕީއޭއިން ވަނީ އާންމުނަށް ހިދުމަތްދޭ ތަންތަނުގައި ގައިޑްލައިނަށް އަމަލު ކުރޭތޯ ބަލަން އިންސްޕެކްޝަން ކުރިޔަށް ގެންގޮސްފައި އެވެ. އެ އިންސްޕެކްޝަން ކުރިޔަށް ގެންދިޔަ މުއްދަތުގައި ކޮންމެ ދުވަހަކު 15 އަށްވުރެ ގިނަ ތަންތަން ގަވައިދަ ހިލާފަށް އަމަލު ކުރާތީ ބަންދުކޮށްފައިވެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިއަދުން ފެށިގެން ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފިނިތަކުގެ އޮފީސް މާހައުލުގައި ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އަމަލު ކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިނަށް އަމަލު ކުރޭތޯ ބަލަން އިންސްޕެކްޓް ކުރަމުންދާނެ ކަމަށެވެ. އަދި ދަތުރުފަތުރުގެ ހިދުމަތްދޭ ފެރީ، ބަސް، ޓެކްސީ އަދި ފެރީ ޓާމިނަލް ތަކުގައި ގަވައިދަށް އަމަލު ކުރޭތޯ ބަލާނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ މި ތަންތަނުގެ އިތުރުން ކުރިން އިންސްޕެކްޓު ކުރި ދާއިރާ ކަމަށްވާ ކެފޭ/ ރެސްޓޯރެންޓު، ސެލޫން/ ބޯކޮށާ ތަންތަން، ޖިމް އަދި ފިހާރަތަކުގެ އިތުރުން ތަރުކާރީ އާއި މޭވާ ވިއްކާތަންތަން އިންސްޕެކްޓު ކުރަމުން ގެންދާނެ ކަމަށެވެ. އަދި ގަވައިދަށް ނުފެތޭނަމަ އިންސްޕެކްޓު ކުރަންދާ ހުރިހާ ތަނެއް ވަގުތުން ބަންދު ކުރާނެ ކަމަށް ވިދާޅުވި އެވެ.
އަލަށް އަމަލު ކުރަން ފެށި އުސޫލުގެ ދަށުން ގައިޑްލައިނަށް އަމަލު ނުކުރާ ތަންތަން ބަންދު ކޮށްފި ނަމަ އެކަންކަން އިސްލާޙު ކުރުމުން 48 ގަޑިއިރު ތެރޭގާއި ހުޅުވުމުގެ ހުއްދަ ދޭނީ އެންމެ ފަހަރަކު އެވެ. ދެވަނަ ފަހަރު އެތަނަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފުވެއްޖެ ނަމަ އެތަނެއް ބަންދުކޮށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެ ތަނެއް ހުޅުވުމުގެ ހުއްދަ ދޭނީ ފަސް ދުވަސް ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް