އުމުރުން 57 އަހަރުގެ ނަސްރީނާ އަބްދުﷲ (ނައްތި) އަކީ މަންމައެއް އަދި މާމައެކެވެ.
ސަރުކާރުގެ ވަޒީފާ އަދާ ކުރާތާ 25 އަހަރު ވެފައި ވާއިރު އޭނާގެ މުޅި ދިރިއުޅުން ބައްޓަން ކޮށްފައި ވަަނީ ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުންނާނެ ގޮތަށެވެ. ކަސްރަތަށް ދުވުމާއި ފެތުމަކީ ނައްތި ސްކޫލް ދައުރުން ފެށިގެން ކުރަމުން އަންނަ ކަންކަމެވެ.
ނައްތިގެ ހަޔާތުގައި ދުވުމާއި ފެތުމުން ހޯދާފައިވާ ކާމިިޔާބަކީ އަންހެނުންނަށް ރަނގަޅު ނަމޫނާ އެކެވެ. ނިއްތި އެންމެ ފުރަތަމަ ދުވުމެއްގައި ބައިވެރިވީ އެކުވެރިއެއްގެ ދައުވަތަކަށް ޕިންކް ރަންގައި އެވެ. އޭގައި ފަސް ކިލޯ މީޓާރަށް ދުވެފައިވެ އެވެ.
އޭގެ ކުރިން ފެތުމަށް ބޮޑަށް އިސްކަން ދިން ނައްތި އެހިސާބުން ދުވުމަށް ޝައުގުވެރިކަން ބޮޑުވެ "އައި ރަނާސް"
އާއި ގުޅުނީ މީގެ ދެ އަހަރު ކުރިންނެވެ. މިއަދު ނައްތި އަކީ އައި ރަނާސް އިން ތަމްރީންވެފައިވާ ކުޅަދާނަ އަންހެނެކެވެ.
"ދުވަސް" އާއި ނައްތިގެ ތަޖުރިބާތައް ހިއްސާ ކުރަމުން ބުނީ މިހާތަނަށް 30 އަށްވުރެ ގިނަ ދުވުމުގައި ބައިވެރިވެ ކާމިޔާބު ހޯދާފައިވާ ކަމަށެވެ. އޭނާ އާންމުކޮށް ދުވަނީ ފަސް ކިލޯމީޓަރަށެވެ.
މިފަދަ ހަރަކާތްތެރި މީހުންނަށް ކޯވިޑް-19 ގެ ހާލަތަކީ އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު ދުވަސްތަކެކެވެ. ހާއްސަކޮށް މާލެ ތިން މަހަށްވުރެ ގިނަ ދުވަހު ލޮކްޑައުންގައި އޮތުމުން ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އުނދަގޫވި އެވެ. އެކަމަކު މި އުނދަގޫތަކާއި އެކު ނައްތި ވަނީ ރަނގަޅު ނަމޫނާ އަކާއި އެކު ކަމެއް ސާބިތުކޮށްދީފައި އެވެ.
މާލެ ލޮކްޑައުންގައި އޮތް ތިން މަސް ތެރޭގައި "އައި ރަނާސް" އިން އިންތިޒާމްކުރި ރަން އެޓް ހޯމްގައި ބައިވެރިވި އެވެ. އެ މުއްދަތުގައި ނައްތި ގޭގައި ފަސް ކިލޯ މީޓަރު ދުވި އެވެ. ނިއްތި ގޭތެރޭގައި ދުވަނީ ކޮޓަރިތަކާއި ސިޓީން ރޫމުގައި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމެއްގައި ދިގު މުއްދަތަކަށް ލޮކްޑައަށް ދިޔައިރު "އައި ރަނާސް" ގެ ރަން އެޓް ހޯމްސް ފަދަ އެތައް ދުވުމެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންގޮސްފައިވެ އެވެ. ނިއްތި ވަނީ އޮސްޓްރޭލިއާގައި މިދިޔަ ޖުލައި މަހު ބޭއްވި ވާޗުއަލް މެރަތަންއެއްގައި ބައިވެރިވެފައި އެވެ.
އެ ދުވުން ފުރިހަމަ ކުރުމަށް ފަހު މިދިޔަ މަހުގެ ތެރޭގައި އޭނާ ވަނީ އޮސްޓްރޭލިއާގައި ބޭއްވި ވާޗުއަލް މެރަތަންއެއްގައި 40 ކިލޯ މީޓަރަށް ދުވެފައި އެވެ. މި ދުވުމުގެ އެއްބައި ގޭގައި ފުރިހަމަ ކުރި އިރު އަނެއް ބައި ފުރިހަމަ ކުރީ ކަސްރަތަށް މީހުން ނުކުންނަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަޑީގައި މަގުމަތީގައި ދުވެގެންނެވެ.
މި މެރަތަންގައި 40 ކިލޯ މީޓަރަށް ދުވެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް ލިބުނީ އައި ރަނާޒްއިން އިންތިޒާމްކުރި ޗެލެންޖްގައި އޭނާ 21 ކިލޯމީޓަރު ގޭގައި ދުވެގެންނެވެ. މި ދުވުން ފުރިހަމަ ކުރުމަށް ނައްތި ހޭދަކުރީ ދެ ގަޑި އިރާއި 29 މިނެޓެވެ.
ނައްތި ބުނީ ދުވުމުގެ ތާވަލު ރާވާލާފައިވަނީ ވަޒީފާ އާއި ދީނީ އަޅުކަމަށް ބުރޫނާރާނެ ގޮތަށް ކަމަށެވެ. އަދި ދުވާއިރު ލަވަޔާއި މިއުޒިކް ފަދަ އެއްޗެހި އަޑު އެހުމުގެ ބަދަލުގައި ދީނީ ގޮތުން ރަނގަޅު އެއްޗެހި ކިޔައި އަޑުއެހުމަކީ ކުރިއެރުން ލިބުމަށް މަގުފަހިވާ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ނައްތި ދުވުމުގައި މި ހޯދި ކާމިޔާބީގެ ފަހަތުގައި އެތައް ބަޔަކު އެބަ ތިއްބެވެ. ނައްތި 40 ކިލޯ މީޓަރު ވާޗުއަލް ދުވުމާއި އޭގެ ކުރިން ފުރިހަމަ ކުރިން ދުވުންތައް ފުރިހަމަ ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދީފައިވަނީ އާއިލާ އާއި އައި ރަނާސްގެ އެކުވެރިންނެވެ.
ދުވުމުގެ އެކުވެރިއަކީ އަށް އަހަރުގެ މާމަ ދަރިފުޅެވެ. ދުވުމަށް ބާރު އަޅައި މުބާރާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގައި އެންމެ ކުރީގައި ހުންނަނީ އައި ރަނާސްގެ ކޯޗު ހުސައިން ޝުޖާއު އެވެ. ދެން ދަރިންނާއި ދުވުމުގެ އެކުވެރިންނެވެ.
ނައްތި ސާބިތު ކޮށްދިނީ އުމުރަށް ބެލުމެއް ނެތި ދުވުމުގައި ކުރިޔަށް ދެވިދާނެ ކަމެކެވެ. އަދި 40 ކިލޯ މީޓަރުގެ ދުވުމެއް ފުރިހަމަ ކުރުމަށް އޭނާގެ އަމިއްލަ ނަފްސަށް ލިބުނީ އަދިވެސް ދިގު ކޮށް ދުވެވޭނެ ކަމުގެ ޔަގީން ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް