އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހަމްއާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި އާސެނަލް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.
އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް އާސެނަލް އިންނެވެ. އެގޮތުން އެޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 25 ވަނަ މިނެޓުގައެވެ. މި ލަނޑު އާސެނަލް އަށް ކާމިޔާބު ކޮށްދިނީ އަލެކްސެންޑަރ ލަކަޒެޓްއެވެ. ނަމަވެސް އާސެނަލްއިން ކުރި ހޯދާފައިވަނިކޮށް 45 ވަނަ މިނެޓުގައި މިކައިލް އެންޓޯނިއޯ ވަނީ ލަނޑެއް ޖަހާ ވެސްޓް ހޭމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މި ނަތީޖާއާއި އެކު ދެޓީމުންވެސް އެއް ވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، މެޗުގެ ފަހު ހާފުގެ ކުޅުން ނިމެން ދަނިކޮށް 85 ވަނަ މިނެޓުގައި އެޑްވަޑް ކެޓިއާ ވަނީ އާސެނަލްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަ ވިއިރު، އާސެނަލް އޮތީ އެއް ލަނޑުން ކުރީގައެވެ.
ރޭގެ މިމޮޅާއި އެކު މިހާތަނަށް އާސެނަލް އިން ލީގުގައި ކުޅުނު ދެމެޗުންވެސް ވަނީ މޮޅުވެފައެވެ. ލީގުގެ ފުރަތަމަ މެޗުން އާސެނަލް ވަނީ ފުލަމް 3-0 އިން ބަލިކޮށްފައެވެ.
ކުޅުނު ދެމެޗުންވެސް މޮޅުވެ އާސެނަލްއިން ފޯމް ދެމެހެއްޓި އިރު، އެޓީމުން ދެން ނިކުންނާނީ ރަށުން ބޭރުގައި ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށެވެ. އެ މެޗު ކުޅެވޭނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އަދި އާސެނަލް އަތުން ބަލިވި ވެސްޓްހަމް ޔުނައިޓެޑު ދެން މެޗެއްގައި ބައްދަލުކުރާނީ ވުލްވަހެމްޕްޓަންއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް