ޕްރިމިއާ ލީގް: ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ

އާ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ކްރިސްޓަލް ޕެލަސް އަތުން ބަލިވެއްޖެއެވެ. ރޭ ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑު ބަލިވީ 1-3 ގެ ބ...

20 Sep 2020 | 03:18

އާ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ކްރިސްޓަލް ޕެލަސް އަތުން ބަލިވެއްޖެއެވެ.

ރޭ ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑު ބަލިވީ 1-3 ގެ ބޮޑު ނަތީޖާއަކުންނެވެ.

ޔުނައިޓެޑުގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ހަތް ވަނަ މިނެޓުގައި ކްރިސްޓަލް ޕެލަސް ވަނީ ލަނޑުޖަހާ މެޗުގެ ލީޑް ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަންދްރެސް ޓޯސެންޑްއެވެ.

ޕެލަސްއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުން ނެގި ލީޑު ފުޅާކުރީ މެޗުގެ 74 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ވިލްފްރިއެޑް ޒަހާ ވައްދާލި ގޯލުންނެވެ. ޔުނައިޓެޑުގެ ޑިފެންޑަރު ވިކްޓަ ލިންދެލޯފް އަތުގައި ބޯޅަ ޖެހުނީ ކައިރިން، ބާރު ޝޮޓަކުން ކަމަށްވިޔަސް ވީއޭއާރް އިން ނިންމީ ޕެނަލްޓީއެއް ދޭން ޖެހޭ ކަމަށެވެ. ޕެނަލްޓީ ޖޯޑަން އަޔޫ ފޮނުވާލުމުން ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކުރި ނަމަވެސް ރެފްރީ ނިންމީ ޑެހެއާ މާކުރިއަށް ނުކުމެ ހުރުމުން އަލުން ޖަހަން ޖެހޭ ކަމަށެވެ. މި ފަހަރު ޒަހާ ޕެނަލްޓީ ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރީ އެވެ.

ޔުނައިޓެޑްގެ ހަމަ އެކަނި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މި ފަހަރު ގެނައި ހަމައެކަނި ކުޅުންތެރިޔާ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކްއެވެ.  ނަމަވެސް ޒަހާ މެޗު ނިމެން ދަނިކޮށް މެޗުގެ 85 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ޕެލަސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް