ރޮބާޓޯ ކާލޮސް --
ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮބާޓޯ ކާލޮސް އިސްލާމް ދީން ޤަބޫލުކުރި ކަމަށް ފެތުރެމުންދާ ޚަބަރުތައް އޭނާ ދޮގުކޮށްފިއެވެ.
އުމުރުން 53 އަހަރުގެ ކުރީގެ ރެއާލް މެޑްރިޑް އަދި ބްރެޒިލް ގައުމީ ޓީމުގެ ތަރި ބުނީ އިސްލާމް ދީނަށް އިންތިހާއަށް އިޙުތިރާމް ކުރާ ކަމަށާއި އޭނާގެ އަންހެނުން ނަމާދުކުރާ މަންޒަރު ފެނުމަކީ ހިތްގައިމު ކަމެއް ކަމަށެވެ. ނަމަވެސް ދީން ބަދަލުކުރި ކަމަށް ދެކެވެމުންދާ ވާހަކައިގައި ޙަޤީޤަތެއް ނެތް ކަމަށް ކާލޮސް ބުންޏެވެ.
މި ވާހަކަތައް ފެތުރެން ފެށީ ބްރެޒިލްގެ މުސްލިމް މުޖުތަމަޢުގެ އިސް ބޭފުޅެއް ކަމުގައިވާ ޝައިޚް ޖިހާދް ޙަމާދާއާ ބައްދަލުކޮށް ގާތްގަނޑަކަށް ހަތަރު ހަފުތާ ކުރިން ޝަހާދަތް ކިޔައި އިސްލާމް ދީން އިޚުތިޔާރުކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ހިސާބުންނެވެ. މީގެ އިތުރުން ތުރުކީގެ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ)ގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޢަލީ ޝާހިން ވެސް ބްރެޒިލްގެ މުސްލިމް މުޖުތަމަޢުގެ މަންދޫބުންނާ ބައްދަލުކުރެއްވުމަށް ފަހު ކާލޮސް ދީން ބަދަލުކުރި ކަން އެނގިފައިވާ ކަމަށް ބުންޏެވެ.
ސޯޝަލް މީޑިއާގައި ފެތުރުނު ފޮޓޯތަކުގައި ކާލޮސް އިސްލާމީ ކައިވެނީގެ ރަސްމިއްޔާތެއް ކަހަލަ ހަފުލާއެއްގައި ބައިވެރިވާ ތަން ފެނުމުން ވެސް ދީން ބަދަލުކުރި ކަމުގެ ވާހަކަތައް އިތުރަށް ގަދަވިއެވެ.
ނަމަވެސް ކާލޮސް ޢުކާޒަށް ކިޔައިދިން ގޮތުގައި ދެ ޢާއިލާގެ ދީނީ ޢަޤީދާއަށް އިޙުތިރާމް ކުރުމުގެ ގޮތުން ތަފާތު ރޫޙެއްގައި ވަކިވަކި ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވީ ކަމަށެވެ. ކެތޮލިކް ޢާއިލާގެ މެމްބަރުންނަށް ޚާއްޞަ ރަސްމިއްޔާތެއް އަދި އަންހެނުންނާއި މުސްލިމް ރައްޓެހީންނާ ގުޅޭ ގޮތުން ވަކި ރަސްމިއްޔާތެއް ބޭއްވި ކަމަށް ކާލޮސް ބުންޏެވެ.
ކާލޮސް ކައިވެނިކޮށްފައި ވަނީ މޮރޮކޯގެ ފީފާ ލައިސެންސް ލިބިފައިވާ ފުޓުބޯޅަ އެޖެންޓް ސޫހައިލާ އެލް ތާހިރީއާއެވެ. ފުޓުބޯޅައާ ގުޅޭ ވިޔަފާރީގެ ބައްދަލުވުމެއްގައި ފުރަތަމަ ދިމާވި ކަމަށާއި ޒާތީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ދެ އަހަރު ވަންދެން ގުޅުން ބޭއްވި ކަމަށް ކާލޮސް ބުންޏެވެ.
ކުޅުންތެރީންގެ ކެރިއަރު ބެލެހެއްޓުމާއި ފުޓުބޯޅައާ ގުޅޭ ޕްރޮޖެކްޓުތަކުގައި ޙަރަކާތްތެރިވާ ސޫހައިލާއާ ކާލޮސްގެ ގުޅުމުގެ ޚަބަރުތައް މި އަހަރު ކުރީކޮޅު ފެންމަތިވެ ކައިވެނީގެ ފޮޓޯތައް ފަހުން ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ.
ކާލޮސް ރެއާލް މެޑްރިޑުގައި އެންމެ ކާމިޔާބު ދުވަސްވަރު ހޭދަކުރި އިރު 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް