ކޮކެއިންއަށް ޕޮޒިޓިވްވެ ނިކް ކިރްގިއޮސް ޓެނިހުން ސަސްޕެންޑު ކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު ޓެނިސް ތަރި ނިކް ކިރްގިއޮސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ޓެސްޓަކުން ޕޮޒިޓިވްވެ ބައިނަލްއަޤުވާމީ ޓެނިހުގެ ހުރިހާ ޙަރަކާތަކުން ވަގުތީ ގޮތުން ސަސްޕެންޑުކޮށްފިއެވެ. ...

20 Aug 2026 | 05:25
ނިކް ކިރްގިއޮސް --

ނިކް ކިރްގިއޮސް --

އޮސްޓްރޭލިއާގެ މަޝްހޫރު ޓެނިސް ތަރި ނިކް ކިރްގިއޮސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ޓެސްޓަކުން ޕޮޒިޓިވްވެ ބައިނަލްއަޤުވާމީ ޓެނިހުގެ ހުރިހާ ޙަރަކާތަކުން ވަގުތީ ގޮތުން ސަސްޕެންޑުކޮށްފިއެވެ.

ކިރްގިއޮސް ދިން ސާމްޕަލެއް ޕޮޒިޓިވްވީ މިދިޔަ ޖޫން 22 ގައި ބޭއްވި މެލޯކާ އޯޕަންގެ ތެރެއިންނެވެ. އެ ސާމްޕަލުން ކޮކެއިންގެ މެޓެބޮލައިޓެއް ކަމުގައިވާ ބެންޒޮއިލެކްގޮނީން ފެނިފައިވާ ކަމަށް ބައިނަލްއަޤުވާމީ ޓެނިސް އިންޓެގްރިޓީ އެޖެންސީން ހާމަކޮށްފައިވެއެވެ.

އެ އެޖެންސީން ބުނި ގޮތުގައި އޮގަސްޓް ހަތަރެއްގައި ސަސްޕެންޝަން ފެށިފައިވާ އިރު ކިރްގިއޮސް އެ ނިންމުމާ ދެކޮޅަށް އިސްތިއުނާފެއް ހުށަހަޅާފައެއް ނުވެއެވެ. މި ސަސްޕެންޝަންގެ ދަށުން ޓްރައިބިއުނަލެއްގެ ނިންމުމެއް އަންނަންދެން ގްރޭންޑް ސްލޭމް މުބާރާތްތައް ހިމެނޭ ގޮތަށް ފިރިހެން އަދި އަންހެން ޓެނިސް ޓުއާގެ އެއްވެސް އިވެންޓެއްގައި ކުޅުމާއި ކޯޗުކޮށްދިނުމާއި ޙާޒިރުވުން ކިރްގިއޮސްއަށް މަނާވާނެއެވެ.

އިންސްޓެގްރާމުގައި ޝާއިޢުކުރި ދިގު ބަޔާނެއްގައި ކިރްގިއޮސް ބުނީ އެއީ ބޮޑު ގޯހެއް ކަމަށާއި އެ ކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށެވެ. ފާއިތުވި ދެ ތިން އަހަރު ކުރިމަތިވި އަނިޔާތަކުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހުނު ކަމަށް ބުނެ ކުރިއަށް އޮތް 28 ދުވަހު ސޯޝަލް މީޑިއާއާއި ޢާންމު ދިރިއުޅުމާ ދުރަށް ޖެހި ނަފްސު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ހާމަކޮށްފައިވެއެވެ.

ކޮކެއިން ހިމެނެނީ ދުނިޔޭގެ އެންޓީ ޑޯޕިން އެޖެންސީ (ވާޑާ) ގެ މަނާ ލިސްޓުގައި ސްޓިމިއުލެންޓެއް އަދި ނަހަމަ ބޭނުންކުރެވޭ މާއްދާއެއްގެ ގޮތުގައެވެ. މުބާރާތުން ބޭރުގައި ޕޮޒިޓިވްވާ ކުޅުންތެރިންނަށް ލުއި ފިޔަވަޅެއް އެޅެ ނަމަވެސް ކިރްގިއޮސްގެ ސާމްޕަލް ދީފައި ވަނީ މެލޯކާ އޯޕަންގެ ސިންގަލްސް ފުރަތަމަ ބުރުގައި އެޑަމް ވޯލްޓަންއާ ވާދަކޮށް ބަލިވި މުބާރާތުގެ ތެރެއިންނެވެ.

ހަތަރު އަހަރާ ހަމައަށް ދިގު ސަސްޕެންޝަނެއް އައުމުގެ ފުރުޞަތު އޮތް ނަމަވެސް މުބާރާތުން ބޭރުގައި މާއްދާ ބޭނުންކުރިކަން ސާބިތުކޮށްދެވިއްޖެ ނަމަ ގިނަވެގެން ތިން މަހުގެ އަދަބެއް ކުރިމަތިވާނެއެވެ.

ކުރީގެ ދުނިޔޭގެ 13 ވަނައިގައި ހުރި ކިރްގިއޮސް ޢުމުރުން 31 އަހަރުގައި ކަކުލާއި އަތުގެ ކުޑަހުޅުގެ އަނިޔާތަކާ ހެދި މި ސީޒަނުގައި ކުޅެފައި ވަނީ އެންމެ ހަތަރު ސިންގަލްސް މެޗެވެ. އޭނާ އެންމެ ފަހުން ކުޅެފައި ވަނީ ވިމްބަލްޑަންގެ ފިރިހެން ޑަބަލްސް ގައި ކަމަށް ވާ އިރު އެ މެޗުގައި ބައިވެރިޔާ އެލެކްޒެންޑާ ބުބްލިކާ އެކު ފުރަތަމަ ބުރުން ކެޓީއެވެ.

ކިރްގިއޮސް ވަނީ ހަތް އެޓީޕީ ޓުއާ ސިންގަލްސް ޓައިޓަލް ހޯދައި 2022 ގައި ވިމްބަލްޑަން ފައިނަލުގައި ނޮވެކް ޖޮކޮވިޗް އަތުން ހަތަރު ސެޓުން ބަލިވެފައެވެ. ހަމަ އެ އަހަރު އެއް ޤައުމެއްގެ ކުޅުންތެރިޔާ ތެނާސީ ކޮކިނާކިސްއާ ގުޅިގެން އޮސްޓްރޭލިއަން އޯޕަން ފިރިހެން ޑަބަލްސް ތަށި ވެސް ކިރްގިއޮސް ވަނީ އުފުލާލާފައެވެ.

އޭނާ އަކީ ކުޅުމުގެ ތެރެއިން އަހުލާގީގޮތުން ދަށް ފެންވަރުގެ ކަންކަން ކުރާ ކުޅުންތެރިއެކެވެ. އެގޮތުން ކޯޓުގައި ދައްކާ ނޭދެވޭ އަޚުލާޤުގެ ސަބަބުން ބޮޑެތި ޖޫރިމަނާތައް މީގެ ކުރިން އޭނާއަށް ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް