ސިލްސިލާ ވާހަކަ: ޒާރާ - ތޭވީސްވަނަ ބައި

ހޮސްޕިޓަލްގެ ޕޯޓިކޯއަށް ކާރު މަޑުކުރުމުން އެންމެ ހިނދުކޮޅަކަށްވެސް ޒާރާ މަޑެއް ނުކުރެއެވެ. އިމްރާނާ ދިމާލަށް  ބަލާލުމެއްވެސް ނެތި ވަދެގެން ދިޔައީއެވެ. ލޯމަތިން ޒާރާ ގެއްލެންދެން އިމްރާން މަޑުކޮށްގެން ...

20 Aug 2020 | 14:30

ހޮސްޕިޓަލްގެ ޕޯޓިކޯއަށް ކާރު މަޑުކުރުމުން އެންމެ ހިނދުކޮޅަކަށްވެސް ޒާރާ މަޑެއް ނުކުރެއެވެ. އިމްރާނާ ދިމާލަށް  ބަލާލުމެއްވެސް ނެތި ވަދެގެން ދިޔައީއެވެ. ލޯމަތިން ޒާރާ ގެއްލެންދެން އިމްރާން މަޑުކޮށްގެން އިނެވެ. ހިތަށް ލިބިފައިވާ ހަމަޖެހުން މޫނުމަތީގައިވާ ހިނިތުންވުމުން ބުނެދޭކަހަލައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އާދިލްއާ ގުޅުން ކެނޑުނު ފަހުން މަސްދުވަސް ފާއިތު ވެއްޖެއެވެ. އެ ދުވަސްތަކުގެ ތެރޭގައި ޒާރާ، އާދިލްގެ ނަމްބަރުތަކަށް އެތައް ފަހަރަކު ނުގުޅާ އެންމެ ދުވަހެއްވެސް ފާއިތު ނުވެއެވެ. އަބަދުވެސް ޒާރާއަށް އިންތިޒާރު ކުރެވެނީ އާދިލްގެ ފޯނު ހުޅުވާނެ ވަގުތަކަށެވެ. އާދިލްގެ މެސެޖެއް ނޫނީ ކޯލެއް އަންނާނެ ވަގުތަކަށެވެ.  ރެއާއި ދުވާލު އާދިލްގެ ހަނދާންތަކުގައި ވަގުތުތައް ގުނަމުން ދަނީ ހަމަ ކޮންމެ ހިނދެއްގައިވެސް އާދިލްގެ ކޯލެއް ނުވަތަ މެސެޖެއް ނަމަވެސް އަތުވެދާނެ ކަމުގެ އުންމީދުގައެވެ. އާދިލް އަށް ވީގޮތެއް ނޭނގި ދުވަސްތައް ހޭދަކުރަން ޖެހުމަކީ ވޭނަކަށް ވިޔަސް ތެދުވެރި ލޯބީގައި ވަފާތެރިކަމާއެކު ދެމިހުންނަން ޒާރާ އަޒުމު ކަނޑައެޅިއެވެ. އަމިއްލަ ނަފުސަށް ވައުދުވިއެވެ. ޒާރާއަށް ޔަގީންވާ ކަމަކީ، އާދިލްވީ ކޮންމެތަނެއްގައި، ޒާރާ މަތިން އާދިލްވެސް ހަނދާން ކުރާނެކަމެވެ. ޒާރާގެ ލޯތްބަށްޓަކައި އާދިލްވެސް އިންތިޒާރު ކުރާނެ ކަމެވެ. އާދިލް ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަން ޔަގީން ނުވިޔަސް އެ ލޯތްބަށްޓަކައި އުމުރު ހުސްކޮށްލުމަކީ ޒާރާ ބޭނުންވާ ގޮތެވެ.

މި ދުވަސްތަކުގައި ސަރީފާގެ ދެމަފިރިން ވަރަށް ގިނައިން ޒާރާގެ ގެއަށް އައިސްއުޅެއެވެ. ގިނަ ރޭރޭ، ތާސްކުޅުމުގައި ނާޒިމާ އާ އެކު އެ ދެމަފިރިން ދަންވަންދެން ތިބެއެވެ. ތަފާތު ކާއެއްޗިހި ގެއަށް ގެނެސްގެން ކެއުމާ ބުއިމަކީ ނާޒިމާ ވަރަށް ފޯރިއާއެކު އެމީހުންލައްވާ ކުރުވާ ކަމެކެވެ. ދެ އާއިލާ ބައްދަލުވެ، ގެއަށް އައިސް އުޅުމުގެ ތެރެއިން ދެ އާއިލާގެ ގުޅުން ނުހަނު ބަދަހި ވެއްޖެއެވެ. ޒާރާ އާއި އިމްރާންގެ ގުޅުން ފިޔަވައެވެ. މަދުމަދުން އިމްރާންވެސް އައިސް އެމީހުނާ ބައިވެރި ވެއެވެ. މި ފަދަ ވަގުތު ތަކުގައި ޒާރާ އަށް ގޮވައިގެން އެ ކަންކަމުގައި އޭނާ ބައިވެރި ކުރެވޭތޯ ނާޒިމާގެ އިތުރުން ސަރީފާވެސް ބަލައެވެ. އެފަދަ ކޮންމެ ވަގުތެއްގައިވެސް ޒާރާ ކޮންމެވެސް ބަހަނާއެއް ދައްކައިގެން އެމީހުން ގާތަށް ނުގޮސްވޭތޯ ބަލައެވެ. ހާމިދުވެސް މަދުމަދުން އެމީހުނާ ބައިވެރިވެ ހަދައެވެ. ނާޒިމާގެ އަމުރަށް ކިޔަމަން ވުމުގެ ގޮތުންނެވެ. އާއިލާގެ ހަމަޖެހުމަށްޓަކައެވެ.

އެގާރަ ޖެހުމުން ފިހާރައިގެ ކަންތައް ނިންމާލުމައްފަހު އަލިބެއާ ސަރީފާ ގެއަށް އައި އިރު ނާޒިމާހުރީ އެމީހުންގެ އިންތިޒާރުގައެވެ. ރެސްޓޯރަންޓަކުން ޕިއްޒާ ގެންނަން ނާޒިމާއަށް ސަރީފާ އަންގާލުމަށްފަހު ތާސްބައި ކަނޑާލިއެވެ. ދަންވަރު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ތާސްކުޅުމުގެ ފޯރީގައި ތިބި މީހުނަށް އެކަން އިހްސާސް ވާހެނެއް ހިޔެއް ނުވެއެވެ. ކުޅުން ކުރިއަށް ދިޔައިރު އެމީހުންގެ މައިގަނޑު މަޝްވަރާ އަކަށް ވެފައިވަނީ ޒާރާ އާއި އިމްރާނުގެ ކައިވެނީގެ ރޭވުންތަކެވެ. ދެފަރާތުގެ އާއިލާއިންވެސް ބޭނުންވަނީ ކައިވެނި އަވަސްކުރާށެވެ. އިމްރާން އެދޭގޮތަކީ އެއީ ކަމަށް ވާތީއެވެ. ނާޒިމާގެ ކިބައިން އެނގުނުގޮތުގައި ޒާރާ ވެސް އެދެނީ އެގޮތެވެ.

ޑިއުޓީ ނިމިގެން ޒާރާ އައިސް ގެއަށް ވަދެވުނު ވަގުތަކީ ކުޅުމުގެ އެންމެ ފޯރިގަދަވި ވަގުތެވެ.

''ދަރިފުޅާ..... އެއްޗިހި ބަދަލުކޮށްލައިގެން ނިކުމެބަލަ ބައިވެރިވެލަން...... '' ހާމިދާ އެކު ވަދެގެން އައި ޒާރާ ފެނުމުން ނާޒިމާ ގޮވާލީ ނުހަނު ލޯބިންނެވެ. ޒާރާ އެއްވެސް ޖަވާބެއް ނުދިންތާނގައި ބަލާވެސްނުލާ ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ.

''ވަރުބަލިވެފަ ކަންނޭގެ.... އެހެންވެ އެދިޔައީ އަނގައިން ނުބުނެ.....'' ޖެހިގެން އިން އަލިބެގެ މޫނަށް ބަލާލަމުން ނާޒިމާ އޮޅުން ފިލުވައިދިނެވެ.

''މިއޮއް އައީނު އިމްރާންވެސް ..... އަނހަ މަންމަގެ ޒައިދުވެސް އެބަހުރިންދޯ.....'' ސިޓިންރޫމުގެ ތެރެއަށް ވަދެގެން އައި ދެ ޒުވާނުންނަށް އެންމެންގެ ނަޒަރު އަމާޒުވިއެވެ. އިމްރާން އާއި  ޒައިދުގެ ގުޅުން ބަދަހިވެ ގާތް އެކުވެރިކަމަކަށް ބަދަލުވީ ނުހަނު އަވަހަށެވެ. ޒައިދު އޮފީހުގައި ހޭދަކުރާ ވަގުތުތައް ފިޔަވާ ގިނަވަގުތު ހޭދަކުރަނީ އިމްރާނާއެކު ވިޔަފާރީގެ އެކި ކަންކަމުގައެވެ. ޕާޓްޓައިމް ވަޒީފާއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކޮފީއަށް ދިއުމާ މޫދަށް ދިއުންފަދަ ކަންކަމުގައިވެސް ދެ ޒުވާނުންގެ ހުސްވަގުތުތައް ހޭދަކުރުމަކީ އާއްމު ކަމަކަށް ވަނީވެފައެވެ. ފޮނަދޫއަށް ދިރިއުޅުން ބަދަލުކުރިފަހުން އިމްރާންގެ ފޫހިކަން ފިލާ ހަމައަކަށް އެޅުނީ ޒައިދާ ދިމާވިފަހުންނެވެ.

''އާދޭ އާދޭ ދެކުދިން.....'' ނާޒިމާ އިށީނދެގެން އިން ސޯފާއިން ތެދުވަމުން ތަންދެއްކިއެވެ. ތާސްބައި އެއްކޮށްލާ މޭޒުމަތި ހުސްކޮށްލީ އޯޑަރުކޮށްގެން ގެނައި ޕިއްޒާތައް ބެހެއްޓުމަށްޓަކައެވެ.

''ކޮބާ އެމަންޖެ.... ނުނިކުންނަނީތަ ކާންވެސް....'' ތަށިތަކަށް ކޯކު އަޅަމުން ސަރީފާ އަހާލީ ނާޒިމާ ގާތުގައެވެ.

އެބައަންނަމޭ ބުނެ ނާޒިމާ ހިނގައިގަތީ ޒާރާގެ ކޮޓަރިއާ ދިމާލަށެވެ. ދެފަހަރަކު ދޮރުގައި ޖަހާލުމުން ޒާރާ ދޮރުހުޅުވިއެވެ. މަޑު ނޫކުލައިގެ އަތްދިގު ޓީޝާޓަކާއި ހުދުކުލައިގެ ހަރުވާޅެއްލައިގެން ޒާރާހުރީ އިސްތަށިގަނޑު އޮމާންކުރާށެވެ. އުނަގަނޑުން ތިރިއަށް އޮތް އެ ފަން އިސްތަށިގަނޑު އޮތީ ތިރިއަށް ދޫކޮށްލާފައެވެ. ނާޒިމާ އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. ޒާރާގެ އަތުގައި ހިފައިގެން ގެނެސް އެނދުމަތީގައި ބޭންދައިފިއެވެ. ޒާރާގެ ހިތް ނެގިނެގިފައި ޖެހެންފަށައިފިއެވެ. ކޮންމެވެސް ބޮޑުކަމެއް ވާން އުޅޭހެން އޭނާއަށް ހީވަނީއެވެ.

''ޒާރާ ގާތުގައި ބޭރަށް އަންނާށޭ މަންމަ ބުނީމަވެސް ހަމަ އިވުނުކަމަށްވެސް ހަދާނުލާ ތި ވަނީ...'' ނާޒިމާ ބެލީ ރީތިކޮށް ވާހަކަ ދެއްކޭތޯއެވެ.

''ބޮލުގަ ރިއްސާތީ....'' ޒާރާ ދިނީ ކުރު ޖަވާބެކެވެ. އެއީ އޭނާގެ އާދައެވެ.

''މުޅި ރޭ ހަތަރުދަމު އެތަނުގައި ހުންނާކަށް ނޫނޭ މަންމަ ގޮވީ.. އެތާގައި އެތިބީ އެންމެން... ސަރީފާ ބުނެފި ޒާރާ ގެންނާށޭ ޕިއްޒާ ކާން....'' ޒައިދުވެސް އެބައިން... ޒާރާގެ ބައްޕަވެސް އޭނދީނު.... އާދޭ ދެން .... އެމީހުން އެވަރަށް ބުނީމަ އެތަނަށް ނިކުމެލިއްޔާ މަންމަ ވަރަށް އުފާވާނެ...'' ޒާރާގެ ބޮލުގައި ފިރުމާލަމުން ނާޒިމާ ވާހަކަދެއްކިއެވެ. ޒާރާގެ ހިތް މަޑު ފުއްކޮޅަކަށް ވެއްޖެއެވެ. މަންމަގެ ލޯބިވެތި ފިރުމުން އިހްސާސްކުރެވުމުން، ހިތް ފުރުނުކަހަލައެވެ. ހިތުގައިވާ ނުތަނަވަސްކަން ފިލާ ދިޔަކަހަލައެވެ. މަޑުމަޑުން ތެދުވެ ވޫލްކޮޅަކުން އިސްތަށިގަނޑު އައްސާލިއެވެ. އާދައިގެ ބުރުގާއެއް ބޮލަށް ވައްޓާލަމުން ނާޒިމާގެ ފަހަތުން ހިނަގައިގަތެވެ.

އިސްޖަހާލައިގެން ނާޒިމާގެ ފަހަތުން ޒާރާ ސިޓިންރޫމަށް ނިކުތެވެ. ކުއްލިއަކަށް ޒާރާގެ ލޮލުގައި އަޅައިގަތީ ސޯފާގައި އިން އިމްރާނެވެ. އިމްރާން އިނީ ޒާރާއާ ދިމާއަށް ބަލާށެވެ. އެ ބެލުމުގައި އެކުލެވިފައިވަނީ ކޮން މާނައެއްކަމެއް ޒާރާ އަކަށް ނޭނގެއެވެ.

''އާދޭ ދަރިފުޅާ.....'' ސަރީފާ ޒާރާއަށް ގޮވާލިއެވެ. ހުރިހާ އެންމެންތެރޭ އެގޮތަށް ގޮވުމުން ޒާރާ ހިތްހަމައެއް ނުޖެހުނެވެ. އެހެންނަމަވެސް މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރުފެނުނަކަ ނުދިނެވެ.

''އެންމެން ހަމަވީތަ..... ކޮބާ ހާމިދު...'' އަލިބެ ވަށައިގެން ހޯދާލިއެވެ. ހާމިދު ފެންނާކަށް ނެތެވެ.

''އެވާނީ އޮށޯތީކަމަށް..... އެހެންނޫނަސް މިކަހަ ފާޑުފާޑުގެ އެއްޗިއްސެއް އޭނާ ނުކާނެ....އަޅާނުލާ ކުރިއަށް ގެންދަމާ....'' ނާޒިމާ އެންމެންގެ ހިތަހަމަ ޖައްސައިދިނެވެ.

''މީ އެންމެ ރަނގަޅުވަގުތުހެން ހީވަނީ... މަންމަމެންގެ ނިންމުން ދަރިފުޅުމެނަށް ހުށައަޅަން.... ނޫންތަ ނާޒިމާ...'' އަލިބެ ކޯކުތަށިން އެތިފޮދެއް ބޯލިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް