ބީލަންތަކުގެ ހުލާސާ ރިޕޯޓު ފިނޭންސްއިން އާންމުކުރަން ފަށައިފި

ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް، ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން ޚުލާސާ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާއްމު ކުރަން ފަށައިފި އެވެ. މިއީ މިނިސްޓްރީ އޮފް ފިނޭންސްއިން ދައުލަތުގެ މާލީ ...

20 Aug 2020 | 10:35

ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް، ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން ޚުލާސާ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާއްމު ކުރަން ފަށައިފި އެވެ.

މިއީ މިނިސްޓްރީ އޮފް ފިނޭންސްއިން ދައުލަތުގެ މާލީ ކަންކަން އިތުރަށް ޙަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި ކުރިއަށްދާން އެޅުނު ފިޔަވަޅެއްކަމަށް ފިނޭންސް މިނިސްޓްރީއިން މައުލޫމާތުދިނެވެ.

ނޭޝަނަލް ޓެންޑަރ މެދުވެރިކޮށް ކުރިއަށްގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ޚުލާސާ، މިދިޔަ ހަފުތާ ތެރޭ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިޢުކުރަން ފަށާފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ ބީލަންތަކަގެ މައުލޫމާތު ހާމަކުރަން ފެށުމުން، އެ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް، ބީލަމަށް ކުރިމަތިލީ ފަރާތްތަކާއި އެ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް އެނގޭނެ ކަމަށެވެ. އަދި އިވެލުއޭޝަންގެ މަރުހަލާގައި ފާސްވި މީހުންނާއި ފާސް ނުވާ މީހުން ވެސް ވެބްސައިޓުން އެނގޭނެ ކަމަށް ފިނޭންސުން ބުނެ އެވެ.

ބީލަން ކާމިޔާބުނުވާ ފަރާތްތަކަށް އިވެލުއޭޝަނުން ދަށްވި ސަބަބުގެ ހުލާސާވެސް ހިމަނާފައިވާނެކަމަށާއި މީގެ އިތުރުން މަސައްކަތް އެވޯޑުކޮށްފައިވާ އަގު، މުއްދަތު ހިމެނޭހެން ހުއްދަދީފައިވާ ދުވަހާ ހުއްދަދިން ފަރާތުގެ މައުލޫމާތު ހިމަނާފައިވާނެކަމަށްވެސް ފިނޭންސްއިން ބުނެއެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މިވަގުތު، ވެބްސައިޓުގައި އާންމު ކޮށްފައި ވަނީ ހަމައެކަނި މި އަހަރުގެ ބީލަންތަކުގެ މައުލޫމާތެވެ. އެކަމަކު، މިދިޔަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ ބީލަންތަކުގެ މައުލޫމާތު ވެސް މި މަސް ނިމުމުގެ ކުރިން އާއްމުކުރާނެ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް