ސިންގަލް ޔޫސް ޕްލާސްޓިކު މަދުކުރުމާއި ގުޅޭ ޕްލޭނަށް ހިޔާލު ހޯދުމަށް ވެބިނަރ އެއް

ސިންގަލް ޔޫސް ޕްލާސްޓިކު މަދުކުރުމާއި ގުޅޭ ޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް ވެބިނަރ އެއް ބާއްވައިފިއެވެ. ސިންގަލް ޔޫސް ޕްލާސްޓިކު ޕްލޭންގެ ދަށުން ރާއްޖޭގައި ޤާއިމްކުރެވޭ ރީސައިކްލީން ފެސިލިޓީގައި ރ...

20 Aug 2020 | 06:10

ސިންގަލް ޔޫސް ޕްލާސްޓިކު މަދުކުރުމާއި ގުޅޭ ޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް ވެބިނަރ އެއް ބާއްވައިފިއެވެ.

ސިންގަލް ޔޫސް ޕްލާސްޓިކު ޕްލޭންގެ ދަށުން ރާއްޖޭގައި ޤާއިމްކުރެވޭ ރީސައިކްލީން ފެސިލިޓީގައި ރާއްޖެއަށް އިމްޕޯޓް ކުރެވޭ ޕްލާސްޓިކްގެ ބޮޑުބައެއް ރީސައިކަލްކުރުމަށްފަހު ރޯ މެޓީރިއަލްސްގެ ގޮތުގައި އެކްސްޕޯޓް ކުރެވޭނެ ނިޒާމެއް 2023 ގެ ކުރިން ޤާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ވަނީ ހާމަކޮށްފައެވެ.

މި ފެސިލިޓީ ގާއިމުކުރެވިގެންދާނީ ޕާލޭ މޯލްޑިވްސްއާއި ގުޅިގެންކަމަށާއި މި ޕްލޭންގެ ދަށުން ހިންގާ ހޭލުންތެރި ކަމުގެ ޕްރޮގްރާމު ތަކުގައި ތިމާވެށި ރައްކާތެރިކުރުމަށް ބާރުއަޅައި މަދަނީ ޖަމްއިއްޔާތައް ބައިވެރިވުމަށް ހިތްވަރުދޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ވެއްޓާއި އިގްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން އިސްނަންގަވައިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސްއައުޓް ކުރަން ވަނީ ނިންމާފައެވެ.

މި ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައި، ޑްރާފްޓް ކޮށްފައިވާ ޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި މި ވެބިނަރ ގައި ޒޫމް މެދުވެރިކޮށް 50 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި ގުޅޭ ޕްލޭން އެކުލަވާލާފައިވަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކާއި ވިޔަފާރިކުރާ ފަރާތްތަކުގެ އިތުރުން މިކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއި ބިނާ ކުރުވަނިވި ޚިޔާލު ހޯދައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް