ސުޝާންތު ސިންގ ރާޖްޕުޓު އަދި އޭނާގެ މެނޭޖާ ދިޝާ ސަލިއާންގެ މަރާއި ބޮލީވުޑްގެ އެކްޓަރު ސޫރަޖް ޕަންޗޯލީ އާއި ގުޅުވާތީ އޭނާގެ މަންމަ ޒަރީނާ ވައްހާބު ރުޅި އަތުއްވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސޫރަޖަކީ ދިޝާގެ ވަރަށް ގާތް ރަހުމަތްތެރި އެކެވެ. އަދި ދިޝާ މަރުވިތާ އެއް ހަފްތާ ފަހުން ސުޝާންތު މަރުވުމުން ސޫރަޖު ބައިވެރިވެގެން އެކަން ފާހަގަ ކުރުމަށް ޕާޓީއެއް ބޭއްވި ކަމަށް ވެ އެވެ.
މިކަމާއި ހިތް ހަމަ ނުޖެހި ރުޅި އައިސްގެން ޒަރީނާ މީޑިއާގައި ބުނެފައިވަނީ އޭނާގެ ދަރިފުޅާއި ގުޅުވައިގެން އެފަދަ ވާހަކަ ދައްކަނީ އިންޑިއާގައި ކޯވިޑް-19 އާއި ގުޅިގެން ލޮކްޑައުން ދިގު ދަންމާތީ ގޭތެރޭގައި ފޫހިފިލުވުމުގެ ގޮތުން ކަމަށެވެ. ޒަރީނާ ވަރަށް ޔަގީން ކަމާއި އެކު ބުނެފައިވާ ގޮތުގައި ސޫރަޖާއި ދިޝާ އާއި ދުވަހަކުވެސް ދިމާވެފައިއެއް ނުވެ އެވެ.
އޭނާ ބުނީ އެ ދެމީހުންގެ މަރުގެ ހަގީގަތް ވަރަށް އަވަހަށް ހާމަވެ އޭނާގެ ދަރިފުޅުގެ ބައިވެރިވުމެއް ނެތްކަން ހާމަވާނެ ކަމަށެވެ.
ސުޝާންތު މަރުވީ އަމިއްލައަށް ދަންޖެހިގެން މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. ދިޝާ މަރުވީ އޭގެ ހަ ދުވަސް ކުރިން އިމާރާތެއްގެ މަތިން ފުންމާލައިގެންނެވެ.
މި ދެމީހުންގެ މަރާގުޅިގެން އިންޑިއާގައި ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާއިރު ސުޝާންތުގެ މަރުގެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ދަނީ ސީބީއައި އިންނެވެ. އެ ދެމަރުވެސް ގުޅިފައިވަނީ ބޮލީވުޑްގެ ނުފޫޒު ގަދަ ފިލްމު އުފައްދާ ފަރާތްތަކަށް ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް