ޖުލައި މަހުގެ ކަރަންޓް ބިލުތަކާއި ފެން ބިލުތައް ބޮޑުވެދާނެކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ކަރަންޓުގެ އަގާއި މެދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި، ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ވިދާޅުވީ، އެކުންފުނިން ދާދި ފަހުން ހިންގި ސާވޭގައި ގޭބިސީތަކުންނާއި ވިޔަފާރިތަކުން ކަރަންޓް ބޭނުން ކުރަމުން އަންލެއް އިތުރުކަން ފާހަގަވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ލޮކްޑައުންތެރޭ ކަރަންޓް ބިލްތައް ބޮޑުވުމާ ގުޅިގެން މާލޭގެ 800 އެއްހާ ގޭބިސީތަކަށާއި ވިޔަފާރިތަކަށް ޒިޔާރަތްކޮށް ހާލަތު ބަލައި ސާވޭތަކެއް ހެދި ކަމަށެވެ. އަދިވެސް ކޮންސަމްޕްޝަން ޕެޓާނަށް ބަދަލް އައިސްފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެެ.
އޭނާ ވިދާޅުވީ، ޖުލައި މަހުގެ ބިލުގައި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުންދިން ސަބްސިޑީ ހިމަނައިފައި ނުވާނެ ކަމަށާއި، މީގެ ސަބަބުން ބިލަށް ފައިސާ ދައްކަވަންޖެހޭ ވަރު އިރުތުވެދާނެ ކަމަށެވެ. ކަރަންޓު ބޭނުންކުރުމުގައި، ބޭނުންކުރެވޭ ޔޫސޭޖަށް ބަލައިގެން ޚަރަދު ކުޑަކޮށް ބޭނުންކުރުމަށް ފަހުމީ ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި ކުދިކުދި ކަންތައްތައް ރަނގަޅުކޮށްލައިގެން ކަރަންްޓް ބޭނުންކުރެވޭ ވަރު މަދު ކުރެވޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ފަހުމީ ވިދާޅުވީ، މިހާތަނަށް ބިލް ނުދައްކައިގެން އެއްވެސް ގޭބިސީއަކުން ކަރަންޓު ކަނޑާލައިފައި ނުވާނެ ކަމަށެވެ. އަދި ކަރަންޓު ބިލު ނުދައްކާ ފާއިތުވަމުންދާ ކޮންމެ މަހަކަށް 2 ޕަސެންޓު ޖުރިމަނާ އިތުރު ވަމުން އަންނާނެ ކަންވެސް ފަހުމީ ވަނީ ފާހަގަކުރައްވައިފައެވެ. އަދި ކިރިޔާވެސް ބިލް ދެއްކެވެންޔާ ވީ ވަރަކުން ބިލް ދައްކަވަން ފަހުމީ ވަނީ އިލްތިމާސްކުރައްވައިފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންވައިރޮމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު އަލީ ވެސް ވަނީ ނޫސްވެރިންނާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވައިފައެވެ. އަޙްމަދު ވިދާޅުވީ، ކަރަންޓް ބިލް ބޮޑުވުމުގައި ސްޓެލްކޯގެ އިހުމާލެއް އޮތްތޯ އެ ވުޒާރާއިން ބަލާފައިވާނެ ކަމަށާއި، އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، ކަރަންޓް އިގްތިސާދު ކުރެވޭނެ މަގު ފަހިކުރުމަށް ކުރިއަށް އޮތްތާ ޕްލޭންކޮށްގެން މިނިސްޓްރީގެ އިސްނެގުމާއި އެކު އިތުރު މަސައްކަތްތައް ކުރަން ނިންމާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް