ރައްޔިތުންގެ މުދާ ސަލާމަތްކޮށް ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ގެއްލިގެން ހުށަހަޅާފައިވާ ފަސް ސައިކަލު ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ސައިކަލުތައް ހޯދާފައިވަނީ ގަލޮޅު ޕޮލިސްގެ ޝިފްޓް ބީ ގައި މަސައްކަތްކުރާ ފުލުހުން، މި ހިނގާ ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އިން ހެނދުނު 6:00 އަށް މާލެތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައިކުރި މަސައްކަތުންނެވެ.
"އެ ސައިކަލުތައް ހޯދާފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުއްޓާ، އެ ސައިކަލުތައް މިހާރު ވަނީ ޓޯވ ކޮށްފައި، އަދި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތްވެސް ފުލުހުންދަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.
ވައްކަން ކުރާ ފަރާތްތަކުގެ ކިބައިން ތިމާގެ އުޅަނދު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، ސައިކަލު ޕާކު ކުރާއިރު އެކަހެރި ތަންތަނުގައި ޕާކު ނުކުރުމަށާއި، ހުންގާނު ތަޅުލާފައި ބެހެއްޓުމަށް ސަމާލުކަން ދެއްވުމަށާއި އަދި ޝަޓަރ ލޮކް ބޭނުންކުރެއްވުމަށާއި އަދި ހަމަ އެހެންމެ ތަޅުދަނޑިއަށް ރައްކާތެރިވުމަށް އަދި ސައިކަލު ޕާކު ކުރުމަށްފަހު ތަޅުދަނޑި ނެގުނުތޯ ޔަގީންކޮށްލެއްވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.
މީގެއިތުރުން ސައިކަލުގައި އެލާމް ސިސްޓަމް ހަރުކުރުމާއި ސީސީޓީވީ ކެމެރާ ހުންނަ ސަރަހައްދު ތަކުގައި ޕާކު ކުރުމަށް ސަމާލުކަން ދެއްވުމުގެ އިތުރުން ސައިކަލު ފުލް ކަވަރޭޖު އިންޝުއަރެންސް ކުރުމަކީވެސް މިއަދު ސަމާލުކަން ދެއްވުން މުހިންމު ކަމެއްކަން ފުލުހުން ފާހަގަކުރެއެވެ. .
ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ހުއްޓުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަމަށް ސަމާލުކަން ދެއްވުމަށާއި ސައިކަލެއް ވަގަށް ނަގާ މަންޒަރު ފެނިއްޖެނަމަ ނުވަތަ ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ ލަސްނުކުރައްވާ ފުލުހުންނަށް އެކަން ރިޕޯޓު ކޮށްދެއްވުމަށް ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް