ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅައިފައިވާ އިސްލާހަށް އާންމުންގެ ހިޔާލު ހޯދަން ނިންމައިފި އެވެ.
މިއަދުގެ މަޖިލީހުގައި، ރައީސް ނަޝީދު ވިދާޅުވީ އަންނަ އާދީއްތަ ދުވަހު މި ބިލަށް އާންމުންގެ ހިޔާލު ހޯދަން ނިންމާފައިވާ ކަމަށެވެ.
މި އިސްލާހަކީ 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފައިގެން އުޅޭ ބިދޭސީންނަށާއި، އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖެގައި ކުރާ ބިދޭސީންނަށް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ރައީސް ނަޝީދު ހުށައަޅާއިފައިވާ އިސްލާހެކެވެ.
މި ބިލުގެ އަޑީގައި ފޮރުވިފައި ހުރި ކަންތައްތައް މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅި ކުއްލި މައްސަލަ މިއަދު ވަނީ ބޭރުކޮށްލައިފަ އެވެ.
މެމްބަރު ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، އިމިގްރޭޝަން ގާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިސްލާހުގެ ހަގީގީ ބޭނުމަކީ މިވަގުތު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބާރުގަދަ އަވަށްޓެރި ގައުމަކަށް ނިސްބަތްވާ 25،000 ބިދޭސީންނަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި ދިރިއުޅެވޭނެ ގޮތަށް މަގުފަހި ކުރުމަށް ކަމަށް، މިކަމުގައި އެންމެ ފުރިހަމަ މައުލޫމާތު އެނގިހުރި ފަރާތްތަކުން މެމްބަރަށް މައުލޫމާތު އަރުވާފައިވާތީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.
މި ބިލަށް އިދިކޮޅު ކޯލިޝަންގެ ފާޑު ކިއުމާއި، ގިނަ އާންމުންގެވެސް ފާޑުކިއުން ސޯޝަލް މީޑީޔާގައި ދަނީ ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް