އަލުން ލޮކްޑައުންއަށް ދާން ޖެހުނަސް މާބޮޑު ޕީކެއް ނާންނާނެ

މާލޭ ސިޓީގެ ލޮކްޑައުންއަށް ލުއި ދިން ފަހުން ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުން އިތުރުވެގެން އަލުން ލޮކް ޑައުންއަށް ދާން ޖެހުނަސް މާބޮޑު ޕީކެއް އަންނަނާނެ ކަމަށް ނުބެލެވޭ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރ...

20 Jun 2020 | 18:12

މާލޭ ސިޓީގެ ލޮކްޑައުންއަށް ލުއި ދިން ފަހުން ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުން އިތުރުވެގެން އަލުން ލޮކް ޑައުންއަށް ދާން ޖެހުނަސް މާބޮޑު ޕީކެއް އަންނަނާނެ ކަމަށް ނުބެލެވޭ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ލޮކް ޑައުންއަށް ދިން ލުއިތަކާއި އެކު ކޯވިޑްގެ ކޭސްތައް އިތުރުވާން ފަށާފައިވާ ކަމަށެވެ. އަދި ކަންބޮޑުވުމަކީ ޕޮސިޓިވްވާ މީހުންގެ ތެރޭގައި އެހެން ކޭސްތަކާއި ގުޅުން ނެތް މީހުން އިތުރުވެފައިވާކަން ފާހަގަވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ މިގޮތަށް ޕޮސިޓިވްވާ ކޭސްތަކުގެ ޖުމްލަ އަދަދު އިތުރުވެގެން ލުއި ދިނުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި އަލުން ފުރިހަމަ ލޮކްޑައުން އަކަށް ދާން ނިންމިޔަސް މާލެއިން އެއްދުވަހާއި އެންމެ ގިނައިން ޕޮސިޓިވް މީހުން ފެނުނު ދުވަހުގެ އަދަދުތަކަށްވުރެ މިހާރު ޕޮސިޓިވްވެދާނެ ކަމަށް ބެލެވޭ އަދަދު އިތުރު ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފުލް ލޮކްޑައުނަކަށް ދަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށެވެ. އަދި ބަލީގައި ނުރައްކާތެރި ހާލަތަށް ދާނެ ކަމަށް ބެލެވިފައިވާ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަކީ އެންމެ ބޮޑު ބޭނުން ކަމަށެވެ.

މި ބަލީގައި ނުރައްކާތެރި ހާލަތަކަށް ދަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ.

އެޗްޕީއޭއިން ބުނީ ލޮކް ޑައުނަށް ލުއި ދިން ފަހުން ކޭސްތައް އިތުރުވާ ކަމަށް ބަލައި އަލުން ލޮކްޑައުނަށް ދިއުމާއި މެދު ގޮތެއް ނިންމާނީ ކޮންމެ ދުވަހަކު ޕޮސިޓިވްވާ ޖުމްލަ އަދަދު އިތުރުވާން ފަށައިފި ނަމަ ކަމަށެވެ. އެކަމަކު މިހާރުވެސް އެޗްޕީއޭއިން ކަންބޮޑުވާ ކަމެއް އެބައޮތެވެ. އެއީ މި ފަހަކަށް އައިސް ޕޮސިޓިވްވާ މީހުންގެ ތެރޭގައި އެހެން ކޭސްތަކާއި ގުޅުން ނެތް މީހުން އިތުރުވާތީ އެވެ.

މިހާތަނަށް ރާއްޖެއިން ވައިރަހަށް 2،187 މީހަކު ޕޮސިޓިވްވެފައިވެ އެވެ. މި ބަލީގައި އަށް މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް